އަންނަ ޖޫންމަހުގެ ނިޔަލަށް އެއާޕޯޓްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް އެމަސައްކަތްކުރަން ފަހުން ހަވާލުކުރި ވޭވްލެންތު ކުންފުނިން ބުނެފި އެވެ. މި ކުންފުންޏާ ހަވާލުކޮށްފައިވަނީ ޓާމިނަލް އާއި ފަޔަރ އިމާރާތުގެ ނުނިމިހުރި ބައި ނިންމުމަށެވެ.
ޔާމީން ސަރުކާރުން މި އެއާޕޯޓްގެ ޓާމިނަލް މަސައްކަތް ހަވާލުކުރީ ކޮރޮލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.ނަމަވެސް މަސައްކަތް ކުރިއަށް ނުގެންދާތީ މިއަހަރުގެ މާޗްމަހު ވަނީ ސަރުކާރުން އެކުންފުންޏާއެކުވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށްފަހު މިއަހަރުގެ އޭޕްރީލްމަހު ޓާމިނަލްގެ ނުނިމި ހުރި މަސައްކަތް ތައް ނިންމުމަށް ވޭވް ލެންތު ކުންފުންޏާ ހަވާލުކޮށްފަ އެވެ.
ކޭއޯއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ޓާމިނަލްގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށާއި އެމަސައްކަތް ނިމޭއިރަށް ފަޔާ އިމާރާތުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި މިހާރު ޓާމިނަލްގެ ސާޅީސް ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
"މިހާރު ދެން އަޅުގަނޑުމެންނާ ހަވާލުކުރި މަސައްކަތުގެ ގާތްގަނޑަކަށް ފޯޓީ ޕަސެންޓް ހުރީ ނިމިފަ. އިރާދަ ކުރެއްވިއްޔާ އުއްމީދު މިކުރަނީ ޖޫންމަހުގެ ނިޔަލަށް މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރެވޭނެކަމަށް" އޮފިޝަލް ވިދާޅުވި އެވެ.
އެއާޕޯޓްގެ ޓާމިނަލާއި ފަޔާރ އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުން އެކުންފުންޏަށް ދީފައިވަނީ ހަތްދިހަ ދުވަހުގެ މުއްދަތެވެ.
އެހެން މަސްމަހާއި ހިލާފަށް ރަމަޟާންމަހުގެ މަސައްކަތުގެ ސްޕީޑްދައްކަން ފާހަގަ ކުރައްވަމުން އޮފިޝަލް ވިދާޅުވީ ރަމަޟާންމަހު މަސައްކަތް ކުރަނީ ހަމައެކަނި ދުވާލުގެ ވަގުތުތަކުގައި ކަމަށާއި ނަމަވެސް އުންމީދަކީ ޖޫންމަހުގެ ނިޔަލަށް މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުން ކަމަށެވެ.