twitterviber whatsapp telegramfacebookyoutube instagram
26th May 2025

މާރުކޭޓްގެ ގޮޅިތައް ދޫކުރުން ލަސްވެގެން ވިޔަފާރިވެރިން ހިތްހަމަނުޖެހިފަ

އިބްރާހިމް ހަމީދު
May 11, 2019
2

ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގެ ގޮޅިތައް ބޭނުންވެގެން ކުރިމަތީލީ ރައްޔިތުންނަށް އެގޮޅިތައް ކައުންސިލުން އަދިވެސް ހަވާލު ނުކުރާތީ ގޮޅިތަކަށް އެދުނު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.

ނަން ހާމަކުރަން ބޭނުންނުވާ މާރުކޭޓް ގޮޅިއަށް ފޯމްލީ ވިޔަފާރިވެރިޔަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ސަރުކާރުން ހަރަދު ކޮށްގެން ދިވެހި އުފެއްދުންތައް ވިއްކުމަށް ހާއްސަ ކޮށްގެން ކުޅުދުއްފުށީގައި އިމާރާތްކޮށް ރަސްމީކޮށް ހުޅުވާފައިވާ ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރަން ކައުންސިލުން މިއަހަރުގެ އޭޕްރީލްމަހު އިއުލާން ކުރުމާއެކު ގޮޅި ހޯދުމަށް ވާނީ ކައުންސިލް އިދާރާއަށް ފޯމްލާފައިވާކަމަށެވެ.

"އެހެންނަމަވެސް މިއަދާއި ހަމައަށްވެސް އެމާރުކޭޓްގެ ގޮޅިތައް ލިބޭނެފަރާތްތައް ކަނޑައަޅާރައްޔިތުންނާއި ހަވާލުނުކޮށް އޮތް އޮތުމަކީ ހަމަ ސީދާ ރަށު ކައުންސިލްގެ ފެއިލާއެއް. މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް." އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ އެމާރުކޭޓުން ގޮޅިއެއް ލިބޭނެ ކަމެއް ނުލިބޭނޭ ކަމެއްވެސް އަދި ގޮޅިތަކަށް ފޯމްލީ ފަރާތްތަކުގެ ގުރުއަތުލީ ކަމެއް ނުލާ ކަމެއްވެސް ނޭނގެކަމަށެވެ. އުއްމީދު ކޮށްގެން ހުރީ ރޯދައަށް މާރުކޭޓުން ގޮޅިތައް ކައުންސިލުން ދޫކޮށް އެއްތާކުން ދިވެހި އުފެއްދުންތައް ވިއްކުމަށް ފުރުސަތު ލިބިގެން ދާނެކަމަށެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަންއާ ސުވާލުކުރުމުން ވިދާޅުވީ ލޯކަލް މާރުކޭޓްގެ ގޮޅިތައް ލިބޭ ފަރާތްތައް މިފެށޭ ހަފްތާތެރޭގައި ކަނޑައެޅިގެންދާނެކަމަށެވެ.

"މާރުކޭޓްގެ ބައްތިރީސް ގޮޅިއަށް ފަސްދޮޅަހަށް ވުރެން ގިނަ ފަރާތްތަކުން ކުރިމަތިލާފައިވޭ އެފަރާތްތަކުގެ މެދުގައި މިފެށޭ ހަފްތާތެރޭގައި ގުރުއަތުނެގި ގުރުއަތުން ހޮވޭ ފަރާތްތަކަށް ގޮޅިތައް ހަވާލުކުރެވޭނެ." ރައީސް އަބްދުއްލަތީފް ވިދާޅުވިއެވެ.

ދިވެހި އުފެއްދުންތަކަށް ވިއްކުމަށް ހާއްސަ ކުރެވިގެން ހެދި މި މާރުކޭޓްގައި ޖުމްލަ 30 ގޮޅި ހުންނައިރު އެތަނުން 2 ގޮޅި ހާއްސަކުރެވިފައިވަނީ ވަޅޯމަސް ވިއްކުމަށްށެވެ. އޮފީސް ބަޔަކާއި ފާހާނާވެސް މި މާރުކޭޓްގައި ގާއިމުކުރެވިފައިވެ އެވެ. މިމާރުކޭޓް ހުޅުވައިދެއްވީ މިދިޔަ މާރޗްމަހުގެ ތެރޭގައި ހޯމް މިނިސްޓަރު ޝެއިހް އިމްރާނު އަބުދުﷲ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355