ޓެކްސްގެ ގޮތުގައި ފުރަތަމަ 4 މަހު ދައުލަތަށް 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެގޮތުން ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 7.9 ބިލިއަން ރުފިޔާއަށް އަރާއިރު މި މުއްދަތުގެ ތެރޭގައި ކުރެވުނު ޚަރަދު އުޅެނީ 7.5 ބިލިއަން ރުފިޔާގައެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރާ ޖީއެސްޓީން 3.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
އެހެން ޓެކްސްތަކަށް ބަލާލާއިރު ބީޕީޓީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.
ގްރީން ޓެކްސްގެ ގޮތުގައި 320 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 257 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ރެމިޓަންސް ޓެކްސްގެ ގޮތުގައި 34.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސް ނޫން ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބިފައިވާ 459.7 މިލިއަން ރުފިޔާއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ 259 މިލިއަން ރުފިޔާ ހިމެނެއެވެ.