ދިރާގުން ސްޕެޝަލް ރޯދަ ބަންޑަލްސްގެ ޕެކޭޖް ވިއްކައިގެން ލިބޭ ފައިސާއިން ބައެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ނިންމައިފި އެވެ.
މީ ޑޭޓާ ބަންޑަލްތައް ވިއްކައިގެން ލިބޭ ފައިސާ އިން ދިހަ ޕަސަންޓް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ)އަށް ހަދިޔާ ކުރާނެކަމަށް އެ ކުންފުނިން ބުނެ އެވެ. އެމްއޭޕީޑީއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
ދިރާގުން މިފަހަރުގެ ރޯދަމަހާ ދިމާކޮށް ތައާރަފްކުރި ޑޭޓާ ޕެކޭޖްތަކުގެ ތެރޭގައި ހިމެނެނީ، 200 ރުފިޔާ އަށް 2.5 ޖީބީ ޕެކާއި އަދި 300 ރުފިޔާ އަށް 5 ޖީބީ ލިބޭ ޕެކެވެ. މި ހާއްސަ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތަކުގައި މަގުބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރަން 1 ޖީބީ ދިރާގުން ވަނީ ހިމަނައިފަ އެވެ.
މީގެ ތެރޭގައި ހިމެނޭ ސޯޝަލް މީޑިއާ އެޕްތަކަކީ ފޭސްބުކް، ވަޓްސްއެޕް، ވައިބާ، އިންސްޓަގްރާމް އަދި ސްނެޕްޗެޓެވެ. މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރުމަށް #8*123* ޖަހާލައިގެން އެކްޓިވޭޓް ކޮށްލެވޭނެ އެވެ. މި ޑޭޓާ ބަންޑަލް ތަކުގެ މުއްދަތަކީ 30 ދުވަހެވެ.
އެމްއޭޕީޑީގެ ޗެއާމަން އަހުމަދު މުހައްމަދު ހާމަކުރެއްވި ގޮތުގައި ނުކުޅެދުންތެރިކަމަކީ، އެ ކުދިންގެ ކިބައިގައިވާ ގާބިލިއްޔަތު ދެނެނުގަނެވުމެވެ. އެންމެން ގުޅިގެން އެ ކުދިންނަށް ތައުލީމާއި ހުނަރު ދަސްކޮށްދީ ވަޒީފާ އަދާކުރުމުގެ ގާބިލިއްޔަތު ހުރި ބަޔަކަށް ހެދި ދާނެއެވެ. ކުދިންގެ ހުރި ތަފާތާއެކު ބަލައިގަނެ މުޖުތަމައުގައި ޝާމިލް ކުރެވިދާނެއެވެ. އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ހަމަހަމަކަމާއެކު ހުރިހާ ކުދިންނަށް ފުރުސަތު ދެއްވުމަށްވެސް ވިދާޅުވިއެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ 2011 ވަނަ އަހަރުން ފެށިގެން ދިރާގުން ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލް އެވެ.
މި ފަދަ ފެސްޓިވަލެއް ދިރާގުން ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީވެސް މި ފެސްޓިވަލްގެ މަގުސަދެއްކަމަށް ދިރާގުން ބުންނެއެވެ.
މި ދިޔަ އަހަރު ރޯދަމަހު ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ %10 ޕަސެންޓް ވަނީ ޓައިނީ ހަރޓްސް އޮފް ދަ މޯލްޑިވްސް އަށް ހަދިޔާ ކޮށްފައިއެވެ.