އިހަވަންދޫ ސްކޫލުގައި ކިޔަވައިދޭން އުޅޭ ބިދޭސީ ޓީޗަރަކު އިސްލާމް ދީން ގަބޫލުކޮށް އިސްލާމް ވެއްޖެވެ.
އިސްލާމްވެފައިވަނީ އިހަވަންދޫ ސްކޫލުގައި ކޮމްޕިއުޓަރ ސްޓަޑީސް ކިޔަވާދޭ އިންޑިއާގެ ޓީޗަރެއްކަމަށްވާ ގޮކުލާ ކުރިޝްނަން އެވެ.
ޓީމް ދަވާ މޯލްޑިވްސްގެ ފޭސްބުކް ފޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ގޮކުލާ އިސްލާމްވެފައި ވަނީ ހެޔޮ ނުބައި ދަނެގަތުމަށްޓަކައި އަހަރުތަކެއް ވަންދެން އޭނާ ކުރި ދިރާސާތަކަށް ފަހު މިރޯދަމަސް ފެށުމުގެ ހަފުތާއެއް ކުރިންނެވެ. ހިންދޫއެއްގެ ގޮތުގައި އުޅެބޮޑުވި ގޮކުލާ އަށް އިސްލާމްދީނުގެ އެންމެ ފުރިހަމަ މައުލޫމާތު ނުލިބޭއިރު ކުރިސްޓިއަން ދީނަށް ޝައުގުވެރިވި ކަމަށް ވެއެވެ.
ގޮކުލާ އިސްލާމްދީން ހިޔާރުކުރި އެންމެބޮޑު ސަބަބަކީ މުސްލިމުން އެ މީހުންގެ އެހެން ހުރިހާ ކަމަކަށްވުރެން ބޮޑަށް ނަމާދަށްދޭ އަހައްމިޔަތުކަން ފެނިފައެވެ. އިންޑިއާ، ބަނގުލަދޭޝް އަދި ރާއްޖެއިން ގޮކުލާ ބައްދަލުވި އޭނާގެ މުސްލިމު އެކުވެރިން މުދަލާ ފައިސާއާ އުފާތައް ދޫކޮށް ނަމާދުތަކަށް ރައްކާތެރިވާތީ އޭނާއަށް ފެންނަ ކަމަށް އޭނާއާ ހަވާލާދީ ޓީމް ދާވާ މޯލްޑިވްސް އިން ބުނެފައި ވެއެވެ.
ގޮކުލާ އަށް މިހާރު އިސްލާމް ދީނުގެ ރުކުންތައް އެނގޭއިރު ފާތިހާ ސޫރަތާއި ބައެއް ކުރު ސޫރަތްތައް ޤުރުއާނުން ދަސްކޮށްފައިވާކަމަށް ޓީމް ދާވާ މޯލްޑިވްސް އިން ބުނެއެވެ.
އޭނާގެ މަންމަ އަކީ ހިންދޫ އެކެވެ. އަދި ބައްޕައާއި އޭނާގެ އަނބިމީހާއަކީ ކުރިސްޓިއަނުންނެވެ. މުސްލިމުންގެ ކިބައިން އޭނާ އެދިފައިވަނީ އޭނާގެ އާއިލާއަށް ތެދުމަގު ދައްކާދެއްވުމަށްއެދި ދުއާކޮށްދެއްވުމަށެވެ.