އާސަންދަ ކޮމްޕެނީ، ކުޅުދުއްފުށީގައި ހުންނަ ނޮދަރ ރީޖަންގެ އޮފީސް އުވާލައިފި އެވެ. މި އޮފީހަކީ 2017 ވަނަ އަހަރު ހުޅުވާ ހިދުމަތްދޭ ފެށި އޮފީހެކެވެ. މިތަން ގާއިމުކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގަ އެވެ.
ކޭއޯއަށް އެނގިފައިވާގޮތުގައި ކުޅުދުއްފުށީގައި ހުންނަ އާސަންދަ އޮފީސް އުވާލާފައިވަނީ މިމަހު ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެތަން ހުޅުވިއިރު ދެ މުވައްޒަފުން މަސައްކަތް ކުރަމުންދިޔައިރު ފަހުން އެތަނުގައި މަސައްކަތްކުރަމުންދިޔައީ އެންމެ މުވައްޒަފެކެވެ.
އާސަންދަ އޮފީސް އުވާލުމަށްފަހު އެތަނުގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފަށް ވަނީ ވަޒީފާގައި ދެމިހުންނަށް ބޭނުންނަމަ މާލެ ބަދަލުވާ އަންގާފަ އެވެ. މިކަމާ ގުޅިގެން އާސަންދަ ކޮމްޕެނީގެ ބަހެއް ހޯދުމަށް ގުޅައި، މެސެޖްކޮށްގެންވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުރި މި އާސަންދަ މިއޮފީހުން އާންމުކޮށް ކުރަމުންދިޔަ މަސައްކަތްތަކަކީ އާސަންދަ މެދުވެރިކޮށް ބޭރަށް ފޮނުވާ ބަލިމީހުންގެ މައުލޫމާތު ނަގައި އާސަންދައިގެ މައި އޮފީހަށް ފޮނުވުމެވެ. އަދި ސީދާ ހަނިމާދޫ މަގުން އާސަންދަ މެދުވެރިކޮށް ބޭރަށް ފޮނުވާ ބަލިމީހުންނަށް އާސަންދަ ހަމަޖައްސައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިތަން އުވާލުމުން އާސަންދަ މެދުވެރިކޮށް ބޭރަށް ފޮނުވާ ބަލި މީހުންނަށް އާސަންދަ ހޯދުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަން ދެން ޖެހޭނީ މާލޭގައި ހުންނަ އާސަންދައިގެ މައި އޮފީހަށެވެ. މިކަމުގައި ސަބަބުން ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވެގެންދާނެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމުކުރި އާސަންދަ އޮފީސް ހުޅުވާފައިވަނީ 2017 ވަނަ އަހަރު، އެ ހޮސްޕިޓާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓް ހިންގިއިރު އެވެ.