ޒުވާން އުމުރުގައި އަމިއްލަ މަސައްކަތުން ކުރިއަރަން މަސައްކަތް ކުރާ ޒުވާނުން މިހާރުވެސް މަދުން ނަމަވެސް އުޅެ އެވެ. މުރާލިކަމާއި ހިތްވަރާއެކު ފިސާރި މަސައްކަތް ކުރާ ޒުވާން ކަނބަލެއްގެ ވާހަކަ ކިޔާލަމާ ހިނގާށެވެ. ކުޅުދުއްފުއްޓަށް އުފަން 21 އަހަރުގެ ތުގާ އަހުމަދަކީ އެފަދަ ޒުވާނެކެވެ. އޭނާ އަބަދުވެސް ބޭނުންވީ ބައެއްގެ ދަށުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ މަސައްކަތެއް ކުރަންށެވެ.
ފިރިމީހާގެ އެހިތެރިކަމާއި ހިތްވަރުން، ތުގާ ފެށީ ރަށުން ލިބެން ނުހުންނަށް ތަފާތު ކާނާތައް ތައްޔާރުކޮށް ވިއްކުމަށެވެ. ރަށުގައި ރެސްޓޯރަންޓްތައް ގިނަ ނަމަވެސް އަދި މެނޫ ކިތަންމެއް ދިގަސް ތަފާތު ރަހަތަކުގައި ކާނާ އާއި ޝޯޓްއީޓްސް މަދެވެ. ސްޓްރީޓް ސްޓައިލްގެ ކާތަކެތި ވިއްކާތަނެއްވެސް ނުހުރެ އެވެ. އެހެންވުމާއެކު އަދި ކެއްކުމަށް ހުންނަ ޝައުގުވެރިކަމެއްގެ ތެރެއިން އޭނާ ބޭނުންވީ ރަށުން އެފަދަ ތަފާތު ކާތަކެތި ލިބޭނެ ގޮތެއް ހޯދައިދިނުމެވެ.
"އެގޮތަށް ކަމެއް ކުރަން ފަށައިގަންނަވެގެން އުޅެނިކޮށް ހަޒްބެންޑް ދިން އައިޑިޔާއެއް މިއީ. ޓްރައިކުރަން ވީނުން ހޯ ރަށުން ނުލިބޭ ކަހަލަ އެއްޗެހި ވިއްކަން. ދެން އެހެންވެ ހަމަ ޓްރައިއެއްކޮށްލީ. ފުރަތަމަ ވިއްކަން ޖެހީ ރެޑްވެލްވެޓް ކޭކެއް. އޭތި ދެން ވަރަށް އަވަހަށް އެސްކޮލޭޓް ވެގެން ދިޔަ". ކައްކަ ފެށުނުގޮތުގެ ވާހަކަ ކޭއޯއާ ހިއްސާކުރަމުން ތުގާ ބުންޏެވެ.
ފުރަތަމަ ރެޑްވެލްވެޓް ކޭކެއް އަޅައި ޝޯސަލް މީޑިއާއަށް ލުމާއެކު ވަރަށް އަވަހަށް ކޭކް ވިކިއްޖެ އެވެ. އަދި ޕްރި އޯޑަރުތައް ދީ މިކަމުގައި ކުރިއަށްދިޔުމަށް ގިނަ ބައެއްގެ ފަރާތުން ހިތްވަރު ދިނެ އެވެ. ތުގާގެ ފޯކަސް ބޮޑަށް ހުރީ ރަށުގެ ރެސްޓޯރަންޓްތަކުން ފަސޭހައިން ނުލިބޭ އެއްޗެހި ތައްޔާރުކުރުމަށެވެ. ނޫނަމަ ތަފާތު ގޮތަކަށް ކާތަކެތީގެ ރަހަ ދައްކާލުމެވެ.
ވިޔަފާރިއަށް ތުގާ ކައްކާތާ އަދި މިވީ އެންމެ އަހަރެކެވެ. މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ކުރެވުނު މަސައްކަތާ މެދު އޭނާ ހުރީ ވަރަށް އުފަލުންނެވެ. ހިތްހަމަ ޖެހެ އެވެ.
ތުގާގެ އުފެއްދުންތައް އިސްތިހާރުކުރަން "ފުޑްގޮސިޕް" ނަމުގައި އިންސްޓަގުރާމުގައި ޕޭޖެއް ހިންގަމުން އަންނައިރު ފުޑް ގޮސިޕްގެ މެނޫގައި 15 ވަރަކަށް ބާވަތް ހިމެނެ އެވެ. މުޅިން ވެސް ހުރީ ތަފާތު ކާނާ އެވެ. ރަށުން ނުލިބޭ ކަހަލަ ކާތަކެއްޗެވެ. ނޫނަމަ ތަފާތު ރަހަ އެވެ. މިހާތަނަށް ކެއްކުމުގެ ދާއިރާގެ އެއްވެސް ކޯހެއް ހަދާފައިނުވާ ތުގާ ކާތަކެތި ހަދަން ދަސްކުރީ ޔޫޓިއުބުންނެވެ. އެކަމަކު މިހާރު އޭނާގެ ވިސްނުން ހުރީ ކަލިނަރީ ކޯހެއް ހަދައި ވިޔަފާރި ފުޅާކުރުމަށެވެ.
އޭނާ ބުނާގޮތުގައި ނަމަ ފުޑް ގޮސިޕްގެ ހުރި ކާނާތަކުގައި ތެރެއިން ގިނަ އެއްޗެހި ކައްކަ ދަސްކޮށްފައިވަނީވެސް ޔޫޓިއުބުންނެވެ. އާންމުކޮށް އެންމެ ގިނަ މީހުންގެ ސަމާލުކަން ހުންނަނީ ތުގާ ބުނާގޮތުން ނަމަ ތަފާތު ރަހަތަކުގައި ޑެޒާޓަށެވެ.
"ކަސްޓަމަރުން ބޮޑަށް ބޭނުންވަނީ ޑެޒާޓަށް އެކަމަކު ކުޅި އެއްޗަށް ބޭނުންވާ ކަސްޓަމަރުންވެސް އުޅޭ. ރަށުގެ ރެސްޓޯރަންޓްތަކުގައި އާންމުކޮށް ލިބޭކަށް ނުހުރޭ ޑެޒާޓެއް ދޯ، އެހެންވީމަހެން ހީވަނީ ޑެޒާޓަށް ބޮޑަށް މީހުންގެ ސަމާލުކަން ހުންނަނީ. ތަފާތު ވައްތަރުގެ ކޭކްސް، ޕުޑިންގ ވަރަށް ހިންގާ." ތުގާ ބުންޏެވެ.
ތުގާގެ ފުޑް ގޮސިޕްގެ މެނޫގެ ކުޅި ތަކެތީގެ ތެރެއިން އެންމެ ހިންގަނީ ބާގަރ އާއި މޯމޯސް އެވެ. އާންމުކޮށް ހުންނަ ބާގަރގެ މަސްގަނޑާ ތަފާތުކޮށް ފުޑް ގޮސިޕްގެ ބާގަރގެ މަސްގަނޑަކަށް ބޭނުންކުރަނީ ތެލުލާފައިވާ ކުކުޅު މަހެވެ.
ބާގަރގެ މަސްގަނޑު މުގުރާފައި ހުރުމުގެ ބަދަލުގައި އިންނާނީ ތެލުލާފަ. ޗިކަން މަސްގަނޑެއް އިންނާނީ. އޭޗަށް ވަރަށް ގިނަ ބައެއްގެ ތައުރީފް ލިބޭ. ކަސްޓަމަރުންނަށް ވަރަށް ކަމުދިޔަ އޭތި. ދެން އެންމެ ހިންގަނީ މޯމޯސް އެވެ. މޯމޯސްގެ ތަންދޫރީ އާއި އޮރިޖިނަލް މޯމޯސް ހަދާއިރު އެ ޑިޝް ތައްޔާރުކޮށްފައި ހުންނަނީ ކުކުޅު މަސްގަނޑެއް މުގުރާފަ އޭގައި ހަވާދު ގަނޑެއް ލައިގެންނެވެ.
ކޮމްފުޑް ރެސްޓޯރަންޓަކީ އޭނާގެ ވަރަށް ބޮޑު އިންސްޕިރޭޝަނެއް ކަމަށާއި އެތަނުގައި ތައްޔާރުކުރާ ބައެއް ކާނާތައްވެސް ތުގާ ތައްޔާރުކުރެ އެވެ. އެގޮތުން ބޯވަ ރޯލްސްއަކީ ފާހަގަކުރެވޭ އެއްޗެއްކެވެ. އެންމެ ހިންގާ ބާވަތްތަކުގެ ތެރޭގައިވެސް ބޯވަ ރޯލްސް ހިމެނޭކަމަށް އޭނާ ބުންޏެވެ.
ތަފާތު ކާނާ ތައްޔާރުކުރާއިރު އެންމެ އުނދަގޫވާ ކަމަކީ ބޭނުންވާ ތަކެތި ލިބުމުގެ ދަތިކަން ކަމަށެވެ. ރަށުން ގިނަ އެއްޗެހި ނުލިބޭއިރު މާލެއިންވެސް ނުލިބޭ ވަރަށް ގިނަ އިންގްރީޑެންޓް ހުންނަ ކަމަށް ތުގާ ބުންޏެވެ. އެފަދަ ހާލަތްތަކުގައި ބޮޑަށް ބަލަނީ އޭތީގެ އަލްޓަނޭޓިވްއެއް ހޯދޭތޯ އެވެ. އެއްދުވަސް ކުރިން އޯޑަރު ނަގާއިރު ފުޑްގޮސިޕް ޕޭޖް މެދުވެރިކޮށްވެސް އޯޑަރު ދެވިދާނެ އެވެ.
ތުގާ މިހާރު މަސައްކަތް ކުރަމުންދާ ވިޔަފާރި ފުޅާކުރުމަށެވެ. އެގޮތުން ފުޑްގޮސިޕްގެ މެނޫއަށް ތަފާތު ގިނަ ބާވަތްތައް ހިމަނައި ފުޑް ގޮސިޕްގެ ނަމުގައި ތަފާތު ރެސްޓޯރަންޓެއް ހުޅުވުމަށެވެ. ކޮމްފުޑް ސްޓައިލަކަށެވެ. އެ މަސައްކަތް އާއިލާ އެންމެންގެ ހިތްވަރާއެކު ފެށުމަށް ތައްޔާރުވަމުންދާ ކަމުގެ އުފާވެރި ޙަބަރުވެސް ފުޑްގޮސިޕްގެ ކަސްޓަމަރުންނަށް އޭނާ ވަނީ ދީފަ އެވެ. މި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުންދަނީ އޭނާގެ ފިރިމީހާގެ ފަރާތުންނެވެ. އެއާއެކު ފިރިމީހާގެ އާއިލާގެ ފަރާތުންނާއި މަންމަގެ އާއިލާގެ ފަރާތުން އަދި އޭނާގެ އާއިލާގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް ތުގާވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.