twitterviber whatsapp telegramfacebookyoutube instagram
28th March 2024

ފޭދޫ އަންހެން މީހާ ކުޅުދުއްފުއްޓަށް ގެނެސް، ފަރުވާދޭން ފަށައިފި

އިބްރާހިމް ހަމީދު
May 16, 2019

ށ ފޭދޫގައި އަނިޔާ ކުރި ސިކުނޑީގައި ނުކުޅެންދުންތެރިކަން ހުރި އަންހެން މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.

އުމުރުން 50 އަހަރުގެ މި އަންހެން މީހާ ނޭވާ ހާސްވާގޮތަށް ބޮލުގައި ގޯންޏެއް އަޅުވައި ހޮޅިދަނޑިއެއްގައި ބަނދެ، އަނިޔާކުރި މައްސަލަ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގަ އެވެ. ސޯޝަލް މީޑީއާގައި ދައުރުވި އެ ފޮޓޯތަކުން ފެންނަ ގޮތުގައި މަގުމަތީގައި ހުރި ހޮޅި ދަނޑިއެއްގައި ވާގަނޑަކުން އޭނާ ބަނދެފައި ހުރީ ބޮލަށް ގޯންޏެއް މަހާފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލް ކޭއޯއަށް ވިދާޅުވީ ހޮސްޕިޓަލަށް އެ އަންހެން މީހާއާއި އެމީހާގެ އަންހެން ދަރިފުޅު ގެނެސް ޑޮކްޓަރުގެ ބެއްލުވުމުގެ ދަށުން ފަރުވާދެމުންދާކަމަށާއި މިވަގުތު ޕޭޝަންޓްގެ ހާލަތާ ބެހޭގޮތުން މީޑިޔާއަށް އެއްޗެއް ބުންނަށް ދަތިކަމަށެވެ.

ޖެންޑަރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހިމް މުހައްމަދު ކޭއޯއަށް ވިދާޅުވީ އެ އަންހެން މީހާއާއި އެމީހާގެ ދަރިފުޅު މިއަދު ހެނދުނުގެ ވަގުތެއްގައި ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށެވެ.

" އަޅުނޑުމެންގެ އާއްމު އުސޫލުން ބަލިމީހާގެ ހާލަތު ދެނެގަތުމަށް ކޮންމެ ކޭހެއްގައިވެސް ޑޮކްޓަރަށް ދައްކާ އިންވެސްޓިގޭޝަން ހަދާ ބަލިމީހާގެ ހާލަތު ދެނެގަންނަން. އެގޮތުން މިއަދު އެމީހާއާއި ދަރިފުޅު މިހާރުގެ ހާލަތު ދެނެގަތުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަނީ ގެންދެވިފަ." އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

އިތުރަށް އެސިސްޓެންޓް ޑިރެކްޓަރ އިބްރާހިމް މުހައްމަދު ވިދާޅުވީ ހޮސްޕިޓަލްގެ އިންވެސްޓިގޭޟަންތައް ނިންމުމަށްފަހު އެމީހާގެ ހާލަތު ތަންދޭގޮތެއް ބެލުމަށްފަހު ޑޮކްޓަރުގެ ލަފާގެ މަތީން މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބުމާއެކު އެ މީހާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކައިވެންޏެއްކޮށް އުޅޭ އެ އަންހެން މީހާގެ 5 ކުދިން ތިބޭއިރު އާއިލާގެ މީހުންވެސް އެރަށުގައި ދިރިއުޅެ އެވެ. އެ މީހާގެ ފަސް ދަރިންގެ ތެރެއިން 18 އަހަރު ފުރިފައިވާ ބައެއް ކުދިންނަކީވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންކަމުން އެ މީހާ ދިރިއުޅެނީ ފިރިމީހާއާއެކު ވަކިން ގެޔެއްގައި ކަމަށް މައުލޫމާތުލިބެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355