- ފެންބަންދުކުރުން ލަސްވަމުންދާތީ ކުންފުންޏަށްވެސް ގެއްލުންވޭ
- ކުރީގެ ސަރުކާރުން އެތަނަށް ގެނެސްފައިވަނީ ރަނގަޅަށް ނުހިނގާ މެޝިންތަކެއް
ފުޅީގައި ފެންބަންދުކުރުމަށް ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ބޮޓަލިން ފެކްޓަރީން ކުރިއަށް އޮތް ދެމަސްތެރޭގައި އެހިދުމަތް ލިބިގެންދާނެކަމަށް އެމްޑަބުލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ ރައީސް ޔާމީން ސަރުކާރުން ފުޅީގައި ފެން ބަންދުކުރާ ފެކްޓްރީ ކުޅުދުއްފުށީގައި އިމާރާތްކޮށް ރަސްމީކޮށް ހުޅުވިތާ ހަ މަސްވެގެން ދިޔައިރުވެސް އެތަނުގެ ހިދުމަތް ރައްޔިތުންނަކަށް ލިބޭވަރެއް ނުވެ އެވެ. އެހެންވެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޭއޯއަށް ދެއްވި އިންޓަވިއުގައި ފެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ ފުޅީގައި ފެންބަންދުކުރުމަށް ކުޅުދުއްފުށީގައި ނިމިދިޔަ ސަރުކާރުން ހުޅުވާފައިވާ ފެކްޓަރީއަށް ލާފައިވާ ހުރި މެޝިނަރީތަކަކީ ރަގަޅަށް ހިނގާ މެޝިނަރީތަކެއްނޫން ކަމަށާއި އެ އެއްޗެހި ރަގަޅުނަމަ އެހިދުމަތް މިހާރު ހުންނާނީ ފެށިފަ ކަމަށެވެ.
"އެތާބަހައްޓާފައި ހުރި އެއްޗެހިތަކަކީ(މެޝިނަރީ) ރަނގަޅަށް ނުހިނގާ އެއްޗެހިތަކެއް. އެއްޗެހި ބެހެއްޓި ތަންތަނުން މީހުން ގެނެސްގެން ރަގަޅުކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ. މިބަލަނީ އަޕްގުރޭޑް ކޮށްގެން ކުރިއަށްގެންދެވޭތޯ." އެމްޑީ އާދަމް އާޒިމް ވިދާޅުވި އެވެ.
" ތަން ހިންގޭނެ ފެންވަރަށް މެޝިނަރީތައް ގެންގޮސް ބަހައްޓާފައި ހުންނާނީ ދޮޅު އަހަރު ދުވަސްވެއްޖެ. އޭގެ އެކްސްޕާޓުން ގެނެސްގެން މެޟިނަރީތައް ހިންގޭތޯ މިހާރު ބަލަމުން މިދަނީ. ކުރިއަށް އޮތް ދެމަސްތެރޭގައި ހިދުމަތް ދެވޭތޯ މަސައްކަތް ކުރާނަން." އާދަމް އާޒިމް ވިދާޅުވި އެވެ.
އިތުރަށް ފެންކުންފުނީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ މިއީ ކުންފުނިން ކޮށްފައިވާ ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކަމަށާއި އެތަނުން ރައްޔިތުން ހިދުމަތް އަދިވެސް ނުދެވޭތީ ކަންބޮޑުވާކަމަށާއި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރައްޔިތުންނަށް އެހިދުމަތް ފޯރުކޮށްދެވޭތޯ މަސައްކަތް ކޮށްދެއްވާނެކަމަށެވެ.
"އަޅުގަނޑު ފެންކުންފުންޏާ ހަވާލުވިއިރު އެއްޗެހިތައް އެތާ ބަހައްޓާފައި ހުންނަނީވެސް އަހަރަކަށް ވުރެން ގިނަދުވަސް ވެއްޖެ. ހިދުމަތް ނުދެވޭތީ ކުންފުންޏަށްވެސް ވަރަށް ބޮޑަށް ގެއްލުން ވަމުންދޭ." އާދަމް އާޒިމް ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ވިޔަފާރިވެރިޔަކު ބުނީ ކާރުޙާނާ ހުޅުވިގެން ދިޔުމުން އުންމީދުކޮށްގެން ތިބީ އަވަސް މުސްތަގުބަލެއްގައި ހެޔޮއަގުގައި ފެން ގަންނަށް ލިބޭނެކަމަށެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވެގެންދާއިރުވެސް ފެން އުއްފަދާ ވިއްކަން ނުފެށުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އައިލެންޑް ބެވަރެޖަސް މޯލްޑިވްސްގެ ބަޖެޓުން 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މިތަނުގެ ހިދުމަތް ލިބުން ލަސްވަމުންދާ ދިޔުމަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. މިތަނުގެ ހިދުމަތް ވީހާވެސް އަވަހަކަށް ލިބި ފުޅީގައި ބަންދުކުރާ ފެނުގެ އަގުހެޔޮވެގެން ދިޔުމަކީ މިސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އުންމީދެއްކެވެ.