twitterviber whatsapp telegramfacebookyoutube instagram
20th April 2024

މަކުނުދޫ ސްކޫލުގައި ގޯލްޑަން ޖުބްލީ ފާހަގަކުރުން: ޙިފްޡު ކުލާސްތަކާއި ޚަތިމުކުރުމާއެކު

- ގޯލްޑަން ޖުބްލީއާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށްދޭ

އަބްދުލް ވާހިދު ޙަސަން
May 23, 2019

ހދ މަކުނުދޫ ސްކޫލުގެ ގޯލްޑަން ޖުބްލީ ފާހަގަކުރުމުގެ ގޮތުން ހިފްސު ކުލާސްތަކާއި ޙަތިމްކުރުމުގެ ޕްރޮގުރާމުތަކެއް ފަށައިފި އެވެ.

ޓީޗަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމާއެކު މަކުނުދޫ ސްކޫލުގެ އަހަރީ ދުވަހާ ގުޅުވައިގެން ގެންދާ މި ހަރަކާތްތަށް ދީފައިވާ ނަމަކީ" ގޯލްޑަން ޖުބްލީ އިޤްރައު" އެވެ.

މަކުނުދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ލުތުފީ ކޭއޯއަށް ވިދާޅުވީ، ގޯލްޑަން ޖުބްލީ ފާހަގަކުރުމަށް ކުރިއަށްގެންދާ އިޤްރައު ފްރޮގުރާމް ފަށާފައިވަނީ އޭޕްރީލްމަހު ފުރަތަމަ ދުވަހު ކަމަށެވެ. ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގުރާމު ކުރިއަށްދާތާ އެއްމަސްވީއިރު މިވީ ދުވަސްތަކުގެ ތެރޭގައި ލިބުނު ކުރިއެރުންތައް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށް ލުތުފީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަ ކިޔަވާލާފަ ނިންމާލަނީކީ ނޫން. ކުދިން ފަރިތަކުރުމާއި ޤުރުއާންގެ ފިޔަވާޅުތަކާއި އަދަބުތަކާއެކު ކުރިއަށްދާނީ." ޕްރިންސިޕަލް ލުތުފީ ވިދާޅުވި އެވެ.

އެއްއަހަރު ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ކުރިއަށްގެންދިޔުމުގައި ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލެއް ލިބެމުންދާކަން ފާހަގަކުރެވެ އެވެ. އެގޮތުން މި ޕްރޮގުރާމުކުރިއަށްގެންދަނީ އެކަމަށް ވޮލަންޓިއަރކޮށްފައި ތިބޭ ޓީޗަރުންގެ އެހީތެރިކަމާއެކު ކަނޑައެޅޭ ޝެޑިއުލްގެ ތެރޭއިންނެވެ. މި ޕްރޮގުރާމްގެ ކުލާސްތައް ކޮންމެ ދުވަހަކުވެސް ކުރިއަށްގެންދާކަމަށް ލުތުފީ ވިދާޅުވި އެވެ.

"މި ޕްރޮގުރާމުގައި ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުން. ޙަތިމުކުރުމާއި އިފްސުކުރުމުގެ ބައިވެސް ހަމަ ކޮންމެ ދުވަހަކު ކުރިއަށްދާނެ." ލުތުފީ ވިދާޅުވި އެވެ.

މިހާ ހިސާބަށް މި ޕްރޮގުރާމް އައިއިރު ވަރަށް ކާމިޔާބުކަމަށާއި ހާއްސަކޮށް އިފްސަށް ދަރިވަރުންތަކެއް އަހުލުވެރިވާކަން އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ގޯލްޑަން ޖުބްލީއާ ދިމާކޮށް އިތުރު ގިނަ ހަރަކާތެއް

ގޯލްޑަން ޖުބްލީ ފާހަގަކުރުމުގެ ގޮތުން މަކުނުދޫ ސްކޫލުގައިވެސް ގިނަ ހަރަކާތެއް ވަނީ ރާވާފަ އެވެ. އެގޮތުން ސްކޫލުގެ އިސް ދަރިވަރުންނާއި ފޯސީޒަން ރިސޯޓްގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެއްޗެއް ވަނީ ކުޅެފަ އެވެ. އަދި ފޯސީޒަންގެ ފަރާތުން ސްކޫލްގެ ބީޓެކް ދަރިވަރުންނަށް ސެޝަންތަކެއްވެސް ނަގައިދީފައިވާއިރު އޭގެ ތެރޭގައި ހޮސްޕިޓާލިޓީގެ ދާއިރާވެސް ހިމެނޭކަމަށް ލުތުފީ ވިދާޅުވި އެވެ.

ދުވަހާ ގުޅުވައިގެން ގުރޭޑް 1-10 އަކަށް ތައުލީމް ހާސިލުކުރާ ދަރިވަރުންގެ ތެރެއިން ދިވެއްސާއި އިނގިރޭސި ބަހަށް ދަށް ކުދިން ފާހަގަކޮށް އެކުދިންނަށް ހާއްސަ ކުލާސްތަކެއް ނަގައިދޭން ވަނީ ހަމަޖެހިފަ އެވެ. އަދި ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ސައިންސް ފެއާއެއްވެސް ވަނީ ބާއްވަން ނިންމާފަ އެވެ.

މަކުނުދޫ ސްކޫލުގެ އަހަރީ ދުވަސްކަމުގައިވާ ޖޫން 23 ގައި މުޅި ރަށަށް ހުޅުވާލައިގެން ދުވުމެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. ޕްރިންސިޕަލް ވިދާޅުވީ އެދުވަހު ތަފާތުއެކި ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި ދުވުމުގައި ހާއްސަ މެހެމާނުން ބައިވެރިކުރެވޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ. ދުވުން ކުރިއަށްގެންދަނީ ބިބް ވިއްކައިގެން ކަމަށާއި ވަރަށް އަވަހަށް ބިބް ވިއްކަން ފަށާނެ ކަމަށެވެ.

ގޯލްޑަށް ޖުބްލީ ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ބެލެނިބެރިންގެ ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތަކެއްވެސް ރާވާފައިވާއިރު އެ ޕްރޮގުރާމް ކުރިއަށްދާނީ އެކި ދާއިރާތަކުގެ މައްޗަށެވެ. ބެލެނިވެރިންނާއި މުވައްޒަފުންގެ މުނިފޫހިފިލުވުމުގެ ހަރަކާތަކެއްވެސް ވަނީ ރާވާފަ އެވެ.

މުވައްސަސާތަކަށް އަމާޒުކޮށްގެން ހޭންޑްބޯލް މުބާރާތެއްވެސް ވަނީ ބާއްވަން ނިންމާފަ އެވެ. ޕްރިންސިޕަލް ލުތުފީ ވިދާޅުވީ މި ޕްރޮގުރާމްތައް ކުރިއަށްގެންދަނީ ބެލެނިވެރިންނާއި މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކަމަށެވެ. ސްކޫލުގެ އާބާތުރަ ފިލުވައި ޕްރޮގުރާމުތަކަށް ޕީޓީއޭގެ ބަޖެޓުންވެސް އެކަށީގެންވާ އަދަދެއް ކަނޑައަޅާފައިވާ ކަމަށް ލުތުފީ ވިދާޅުވި އެވެ.

ސްކޫލުގެ ޓީޗަރުންނާއި މުވައްޒަފުން ވޮލެންޓިއަރުކޮށް ސްކޫލުގެ އާބާތުރަ ފިލުވުމުގައިވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. ލުތުފީ ވިދާޅުވީ، އުމްރާނީގޮތުންވެސް މިއަހަރު ސްކޫލަށް ގިނަ ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށާއި އެ ކަމަށް ބޭނުންވާ ބަޖެޓްވެސް އެޑިއުކޭޝަނުން ހަމަޖައްސައިދެއްވާފައިވާ ކަމަށެވެ. ގޯލްޑަން ޖުބްލީ ފާހަގަކުރުމުގެ ހާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

މަކުނުދޫ ސްކޫލުގެ ގޯލްޑަން ޖުބްލީއާ ދިމާކޮށް ގިނަ ހަރަކާތްތަކެއް އެއް އަހަރު ދުވަހަށް ކުރިއަށްގެންދާއިރު މިއަހަރު ވަނީ ސްކޫލުގެ ޔުނީފޯމާއި ބެޖްވެސް ބަދަލުކޮށް އާ ޔުނިފޯމަކާއި ބެޖެއްވެސް ބޭނުންކުރަން ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355