ރާއްޖެއަށާއި ލަންކާއަށް އެތެރެ ކުރަން އުޅުނު ކަމަށްބެލެވޭ މަސްތުވާތަކެއްޗާއެކު 3 މީހަކު އިންޑިއާ ފުލުހުން ޓްރިވެންޑްރަމުން އަތުލައިގަނެފި އެވެ.
އިންޑިއާ ނޫހެއްކަމަށްވާ "ދަ އިންޑިއަން އެކްސޕުރެސް" ހާމަކޮށްފައިވާ ގޮތުގައި މަސްތުވާތަކެތީގެ އިތުރުން ހައްޔަރުކުރި ތިން މީހުން ދަތުރުކުރަމުންދިޔަ ކާރުގެ ތެރެއިން ފުލުހުން ވަނީ ކަނޑިއެއް ވެސް ހޯދާފައެވެ. މި ނޫހުގައިވާ ގޮތުން މި ކަނޑިއަކީ އެ މީހުންގެ ރައްކަލަށް ގެންގުޅު ކަނޑިއެއްކަމަށެވެ.
އެ މީހުންގެ އަތުން 11.5ކިލޯގެ ހަޝިޝް އޮއިލްގެ އިތުރުން 2.5 ކިލޯގެ ގަންޖާ އަތުލާފައިވެއެވެ. އަދި އެ މީހުން ހައްޔަރުކޮށްފައިވަނީ 1 ލައްކަ އިންޑިއަން ރުޕީސްގެ ފީއަކަށް އިންޑިއާގެ އަންދްރަ ޕްރަދޭޝް އިން ޓްރިވެންޑްރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރެއިން ކަމަށް ''ދަ އިންޑިއަން އެކްސްޕްރެސް''ގައި ރިޕޯޓުކޮށްފައި ވެއެވެ.
އެ ނޫހަށް ހުލުހުންގެ އޮފިސަލުން ދިން އިންޓަވިއުގައި ބުނެފައިވަނީ މި އަތުލައިގަނެވުނު މަސްތުވާތަކެއްޗަކީ ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއާއި ލަންކާއަށް އެތެރެކުރަންއުޅުނު މަސްތުވާތަކެއްޗެވެ.