twitterviber whatsapp telegramfacebookyoutube instagram
19th May 2024

ވިހެއުމުން ލިބޭ ހަ މަހު ޗުއްޓީއަށް ވަގުތީ މުވައްޒަފުން ނަގަނީ

ޚަދީޖާ އާދަމް
May 27, 2019

ވިހެއުމުގެ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ ބަދަލުގައި ހަ މަހަށް ވަގުތީ މުވައްޒަފުން ނެގުމުގެ އުސޫލަށް އަމަލުކުރަން ފަށައިފި އެވެ.

ސިވިލް ސާވެންޓުންނަށް ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީއަށް ވަގުތީ މުވައްޒަފުން ނަގަނީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މައުލޫމާތު ދެއެވެ. މި އުސޫލަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެ އެވެ.

އެގޮތުން އެ މުއްދަތަށް މީހުން ނަގާނީ ވިހާ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމާއެކު، އެހެން މުވައްޒަފެއްގެ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތަށް، ވަގުތީ އެ މުވައްޒަފު އައްޔަންކުރެވޭނީ އަލުން އިއުލާނުކޮށް އާ އެއްބަސްވުމެއްގެ ދަށުންނެވެ.

އެ އުސޫލުގައި ބުނެފައިވަނީ ވިހެއުމުން ޗުއްޓީ ދިނުމުގެ ކުރިން އެ މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ތާރީހުގެ ކުރިން އިތުރު މުވައްޒަފެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސަން ވާނެ ކަމަށާއި މުވައްޒަފުން ބޭނުންވާ މަގާމުގެ ބަދަލުގައި ވަގުތީ މަގާމެއް އުފެއްދުމަށް "ޓެމްޕޮރަރީ ޖޮބް ކްރިއޭޝަން ރިކުއެސްޓް" މެދުވެރިކޮށް ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ނުވަތަ ޒިންމާދާރު އިސްވެރިޔާގެ ހުއްދައާ އެކު ފޮނުވަންވާނެ ކަމަށެވެ.

އަދި ޗުއްޓީ ދޭ މުވައްޒަފުގެ މަސައްކަތްތަކަކީ އެ ޑިވިޝަން/ސެކްޝަން ނުވަތަ ޔުނިޓް މުވައްޒަފުންގެ މެދުގައި ބަހާލައިގެން ކުރެވިދާނެ މަސައްކަތެއްތޯ ނުވަތަ އެހެން ޑިވިޝަންތަކަށް ބަހާލައިގެން ކުރިއަށްގެންދެވިދާނެ މަސައްކަތެއްތޯ ވެސް ކަނޑައަޅަންޖެހެ އެވެ.

ސިވިލް ސާވިސްގައި މިހާރު 13،000 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރާއިރު ވިހެއުމުން މުސާރައާއެކު ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފައިވަނީ މާޗު، 7، 2019ގަ އެވެ. އޭގެ ކުރިން ލިބެނީ ތިން މަސް ދުވަހުގެ ޗުއްޓީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355