twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކުޅުދުއްފުށީގެ މެމްބަރުކަންކުރުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބުނު އެންމެ ޝަރަފުވެރި ފަހުރު، ޝުކުރިއްޔާ: ނަޝީދު

- ނަޝީދު ވަނީ ޖަމްޝީދަށް މަރުހަބާ ދަންނަވާފަ
- އާ މެމްބަރުންގެ ފަހަތުގައި ރައްޔިތުން އެކަތިގަނޑެއްހެން ރަށް ކުރިއެރުވުމަށް އެދިވަޑައިގަތް
- ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި

އަބްދުލް ވާހިދު ޙަސަން
May 28, 2019
2

ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރުކަންކުރުމުގެ ފުރުސަތު ލިބުމަކީ، އެމަނިކުފާނަށް ލިބުނު އެންމެ ޝަރަފުވެރި ފަޚުރު ކަމަށާއި އެކަން އަބަދުވެސް ޤަބޫލުކުރާނެކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އުސްތާޒް ނަޝީދު ވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި ދިހަ އަހަރު ފުރުއްވާފަ އެވެ. ތިންވަނަ ދައުރަކަށް ކުރިމަތިލެއްވިނަމަވެސް އެމްޑީޕީ ކެނޑިޑޭޓް ޖަމްޝީދު މުހައްމަދު ވަނީ ނަޝީދުގެ މައްޗަށް ކުރި ހޯދައްވައި އެ ގޮނޑި ކާމިޔާބުކުރައްވާފަ އެވެ.

ނަޝީދު މިއަދު ނެރުއްވި ޝުކުރުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓަށް ޚިދުމަތްކުރުމުގެ ފުރުސަތުދެއްވި ކަމަށްޓަކާ، ކުޅުދުއްފުށީގެ ދެކުނުދާއިރާގެ ކޮންމެ އާއިލާއަކަށް ވަކިވަކިން، އަދި ކޮންމެ ރައްޔިތަކަށްމެ ވަކިވަކިން، ނުހަނު އިޚްލާސްތެރިކަމާއެކު އިންތިހާއަށް ޝުކުރުދަންނަވާ ކަމަށެވެ.

"ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރުކަންކުރުމުގެ ފުރުސަތު ލިބުމަކީ، އަޅުގަނޑަށް ލިބުނު އެންމެ ޝަރަފުވެރި ފަޚުރު ކަމުގައި އަބަދުވެސް ޤަބޫލުކުރާނަން". ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރުކަމުގެ ހުވާ ޖަމްޝީދު މުހައްމަދު ކުރައްވައި، މަގާމާ ހަވާލުވެވަޑައިގަތުމުގެ މުނާސަބަތުގައި، އޭނާއަށް ނަޝީދު ވަނީ ހޫނު މަރުހަބާއާއި އިހުލާސްތެރި ތަހުނިޔާވެސް ދަންނަވާފަ އެވެ.

"އެކެއްގެ ކިބައިން އަނެެކެއްގެ ކިބަޔަށް ޒިންމާއާއި ހައިސިއްޔަތު ބަދަލުވެގެންދާ މި ދަނޑިވަޅު، ދެކުނު ދާއިރާގެ އެެންމެހައި އާއިލާތަކަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ." ނަޝީދުގެ ބަޔާނުގައިވެ އެވެ.

އާ މެމްބަރުންގެ ފަހަތުގައި ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ، ރަށް ކުރިއެރުވޭތޯ މަސައްކަތްކުރުމަށް ނަޝީދު އެދިވަޑައިގަތް

މުނާސަބަތުގެ ތަހުނިޔާ ބަދަލުކުރަމުންދާއިރު، ރަށާއި ދާއިރާގެ ކުރިއެެރުމަށް އެދޭ ހުރިހާ ޕާޓީއެއްގެ އަދި ހުރިހާ ފިކުރެއްގެ މީހުންވެސް، އަދި، ޕާޓީއަކަށް ނުވަތަ ވަކި ފިކުރަކަށް ނިސްބަތްނުވާމީހުންވެސް، މި ވަގުތު އިސްކަންދޭންވާނީ، އާ މެމްބަރުގެ ފަހަތުގައި އެކަތިގަނޑަކަށްވެ، ރަށާއި ދާއިރާ ކުރިއެރުވޭތޯ މަސައްކަތްކުރުމަށް ބަދަހި އެއްސަފެއްގައި އެތުރިލުމަށް ނަޝީދު އެދިވަޑައިގަތެވެ.

"އަޅުގަނޑު އުންމީދުކުރަނީ، އާ މެމްބަރަކީ، ހުރިހާގޮތަކުންވެސް ކާމިޔާބު މެމްބަރަކަށްވާނެ ކަމަށް. ދާއިރާ އާއި ރަށް ކުރިއަށްގެންގޮސްދޭނެ، ކުރިއަރުވައިދޭނެ، ދިއްލާލަދޭނެ މެމްބަރަކަށްވާނެކަމަށެވެ. ރައްޔިތުންގެ އިޙްސާސްތައް ރަނގަަޅަށް އެނގިވަޑައިގެން، ރައްޔިތުންގެ ހިތުގެ ވިންދު އިވޭހާ ގާތުގައި، ރައްޔިތުންގެ ތެރޭގައި ހުންނަވައި، ރަށަށް ޚިދުމަތްކޮށްދެއްވާނެ މެމްބަރަަކަށްވާނެކަމަށް. ރައްޔިތުންގެ ތަކުލީފުތަކަށް އޯގާތެރިކަމާއެކު ލުއި ހޯއްދަވައިދެއްވާނެ މެމްބަރަކަށްވާނެކަމަށް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ބަޔާން ނިންމާލާފައިވަނީ ރަށުގެ ރައްޔިތުންނަށް ހެޔޮސިއްހަތަށާއި، އުފާވެރި ބާއްޖަވެރި ދުވަސްތަކަކަށް އެދެމުންނެވެ. އަދި ދާއިރާއަށާއި ރަށަށް ފާގަތިކަމާއި، ކުރިއެެރުމާއި އުޖާލާކަމަށްށާއި ކުޅުދުއްފުއްޓަށް އަބަދުވެސް ހެޔޮގޮތް މިންވަރުކުރެއްވުން އެދި ދުޢާކުރަމުނެވެ.

މެމްބަރު ނަޝީދު ފާހަގަކުރެއްވިފައިވަނީ ކުޅުދުއްފުއްޓާ ގާތްގުޅުމެއް ބޭއްވި މެމްބަރެއްގެ ގޮތުގައި ރައްޔިތުންނާއި މުވައްސަސާތަކަށާއި ކުލަބު ޖަމިއްޔާތަކަށް އަދި ވަކި ހާއްސަކޮށް ސްކޫލުތަކަށް ނަޝީދުކޮށްދެއްވި ގިނަ ހިދުމަތްތައް ފާހަގަކުރެވެ އެވެ. ނަޝީދުގެ އެހީތެރިކަން އެކި ކަންކަމުގައި ވަރަށް ބޮޑަށް ލިބިފައިވާކަން އެމްޑީޕީގެ ފަސް ކައުންސިލަރުން ތިބޭ ކުޅުދުއްފުށީ ކައުންސިލުންވެސް ވަނީ ވިދާޅުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355