twitterviber whatsapp telegramfacebookyoutube instagram
2nd November 2025

އާ މަޖިލީހުގެ ރައީސްކަމަށް ނަޝީދު، ނައިބަކަށް އީވާ އިންތިހާބުކޮށްފި

އަބްދުލް ވާހިދު ޙަސަން
May 29, 2019

19 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަދި ނައިބު ރައީސްކަމުގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ އިންތިހާބުކޮށްފި އެވެ.

ރޭ ބޭއްވި 19 ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ތާވަލުކޮށްފައިވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ.

އެގޮތުން މަޖިލީހުގެ ރައީސްގެ މަގާމަށް ނަންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން ކުރީގެ ރައީސް ނަޝީދުގެ ނަން ހުށަހެޅްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ނަން ވެސް ހުށަހެޅުއްވި އެވެ.

ޖުމްލަ 85 މެންބަރުންނާއެކު ކުރިއަށް ދިޔަ ސިއްރު ވޯޓުގައި ރައީސް ނަޝީދަށް 67 ވޯޓް ލިބިވަޑައިގެންނެވިއިރު ގާސިމްއަށް ލިބިވަޑައިގަތީ 17 ވޯޓެވެ. އަދި އެއްވޯޓް ބާތިލްގެ ގޮތުގައި ގުނާފައިވެ އެވެ.

ނައިބު ރައީސްކަމުގެ މަގާމަށް ހުޅުވާލުމުން އެމަގާމަށް ނަން ހުށަހެޅީ އީވާ އެކަންޏެވެ. އެހެންވުމުން އެނގީ ފެންނަ ނުފެންނަ ވޯޓެކެވެ.އީވާ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 76 މެންބަރުންނެވެ. ނުފެންނަ ކަމަށް 9 މެންބަރުން ވޯޓު ދެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355