ޝަރުއީ ނިޒާމް އިސްލާހުކޮށް، އިންސާފުވެރި މަޖިލީހަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެ ރިޔާސަތާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ހެދުމަށާއި ޝަރުއީ ނިޒާމް އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި އިންސާފުވެރި މަޖިލީހަކަށް ހެދުމަށާއި ރައްޔިތުންގެ ތަނަވަސް ދިރިއުޅުމެއް ފޯރުކޮށްދިނުމަށް މެމްބަރުން ކުރައްވައި ހުރިހާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ހުރިހާ މެންބަރުނަށް ހަމަހަމަ ފުރުސަތުތަކެއްދީ މެންބަރުން ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދުމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ވަކި ޕާޓީއަށް ނިސްބަތް ނުވާ މެންބަރުންނާއި ޕާޓީތަކުގެ މެންބަރުންނަށް މަޖިލީހުގެ ތަޅުމުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދީ މަޖިލީހުގެ ގަވައިދުން އެ ފުރުސަތުތައް ފޯރުކޮށްދެއްވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ހުރިހާ މެމްބަރުންގެ ފިކުރާއި އެ މެމްބަރަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ތަމްސީލުކޮށްދިނުމުގައި މަޖިލީހުގެ އިދާރާ އާއި ތަޅުމުގައި ވެސް ގާނޫނާއި ގަވައިދުން ތަންދޭ އެންމެ ފުޅާ މިނެއްގައި މެމްބަރުންނަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.