twitterviber whatsapp telegramfacebookyoutube instagram
19th May 2024

އަދީބަށް ކުރި ހިޔާނާތުގެ ހުކުމްވެސް ބާތިލްކޮށްފި

ނަބީލާ އިސްމާޢީލް
May 30, 2019

ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އަދީބު އަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވިކަން ސާބިތުވުމުންނެވެ. އެ މައްސަލާގައި އަދީބާ އެކު އެމްއެމްޕީއާރުސީ ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް އަށް އަހަރަށް އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ދެ އަހަރަށް ޖަލަށްލާން އޭރު ހުކުމްކުރި އެވެ. ނަމަވެސް ޒިޔަތާއި ހާމިދުގެ ހުކުމް ހައި ކޯޓުން އޮތީ ދަމަހައްޓާފަ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވާގޮތުން އަދީބު ޖަލަށް ލާން ހުކުމްކުރުމަށްފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބައެއް ފަރާތްތައް ދޫކޮށްލަން އެންގިއިރު އޭގެ ތެރޭގައި އަދީބު ވެސް ހިމެނޭ ކަމަށެވެ. އަދި އެ އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ފަހުން ބާތިލް ކުރިކަމުގައިވީ ނަމަވެސް ނުފޫޒު ފޯރުވައިގެން އިޖްރާއާތުތަކާ ހިލާފަށް ކޮށްފައިވާ ހުކުމްތައް ކަމަށް ބުނެ އަމުރުގައި އޮތް ބައި ބާތިލް ކޮށްފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންކަމުން އެ މައްސަލާގައި އަދީބުގެ މައްޗަށް ވެސް ހިންގި ޝަރީއަތަކީ ނުފޫޒު ފޯރުވައިގެން ހިންގި ޝަރީއަތެއް ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަގުލަބިއްޔަތުން ކުރި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން އަންގާ ކަމަށެވެ.

ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔަކީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އެ މައްސަލާގައި ހުށަހެޅުނު ހެކިތަކަށް ބަލާއިރު އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އެ މައްސަލާގައި އަދީބާ އެކު ޖަލަށްލާން ހުކުމްކުރި ޒިޔަތާއި ހާމިދުގެ ހުކުމް ވެސް ކުރިން އޮތީ ހައި ކޯޓުން ދަމަހައްޓާފައި ކަން ފަނޑިޔާރު ޝުއައިބު ފާހަގަ ކުރެއްވި އެވެ. ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ފަނޑިޔާރު ޝުއައިބު ރައުޔު ނެރުއްވި އެވެ.

އަދީބު 8 އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލް ކުރުމާ އެކު އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން އެންމެ ފަހުން ހުކުމް ވެސް ބާތިލްވީ އެވެ. ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް މި ހަފުތާގައި ސުޕްރީމް ކޯޓުން ބާތިލް ކުރިއިރު ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ލޯންޗް މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް މިދިޔަ ހަފުތާގައި އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބު ދަށު ކޯޓަށް ހާޒިރުކޮށް ބަންދާ މެދު އަލުން ގޮތެއް ނިންމަން އެ ހުކުމުގައި ވަނީ އަންގައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355