twitterviber whatsapp telegramfacebookyoutube instagram
25th April 2024

މިއަދަކީ ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ހެދުމަށް ރައީސް ގޮވާލައްވައިފި

May 31, 2019

ދުންފަތުގެ ވަބާއިން މިންޖުވެފައިވާ، ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެއް އުޅޭ ޖަޒީރާ ރާއްޖެއަކަށް މި ޤައުމު ހެދުމަށްޓަކައި، މިއަދަކީ ދުންފަތުން އަލްވަދާޢު ކިޔާ ދުވަހަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހު ގޮވާލައްވައިފި އެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ހިތޯބުގަ އެވެ.

ރައީސްގެ ހިތޯބުގައި ދުންފަތް ކޮންޓްރޯލްކޮށް، ރައްޔިތުން ދުންފަތާ ދުރުކުރުމަށް މިސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި، މިއަދަކީ ވަރަށް ތާރީހީ ދުވަހެއްކަން ފާހަގަ ކުރައްވާފައިވެ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު، ގެޒެޓްކުރި "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ޤަވާއިދު" އަށް، މިއަދު އަމަލުކުރަން ފެށުމާއެކު، ވަކި ސިނގިރޭޓާއި، ބިޑި ސުއްޓާ ވިއްކުން މަނާވީކަން ފާހަގަކުރައްވައި ދުންފަތުން ލިބޭ ސިއްހީ ގެއްލުންތައް ހާމަކޮށްދޭ ފޮޓޯގެ އިންޒާރުތައް ޖަހައިގެން ނޫނީ، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުންވެސް، ވަކި މުއްދަތަކަށްފަހު މަނާވާނެކަން ބަޔާންކުރައްވާފައިވެ އެވެ.

ރައީސް ހިތޯބުގައި މުޅި މުޖްތަމައުގެ މަސްލަހަތަށްޓަކައި ހަދާފައިވާ މިފަދަ ޤާނޫނުތަކާއި ޤަވާއިދުތައް، އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށް، ތަންފީޒީ އިދާރާތަކަށް ގޮވާލައްވާފައިވެ އެވެ. އަދި އެމަނިކުފާނު ވަނީ ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން، ފަރުދީ އަދި އިޖްތިމާއީ ފެންވަރުގައި މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި ދުންފަތުގެ ވަބާއިން ދިވެހި ރައްޔިތުން ސަލާމަތް ކުރުމުގައި، ހީވާގިކަމާއެކު މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް، މިއަދުގެ މުނާސަބަތުގައި އައްސަރިބަހާއި ސާބަސް ރައްދުކޮށް ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355