ދިރާގުން ކީރިތި ޤުރުއަނާ ބެހޭ މަރުކަޒުން، ފުވައްމުލަކާއި ލ. ފޮނަދޫގައި ޤުރުއާން ކްލާސް ހިންގުމަށް، އެމަރުކަޒަށް މެގަ އެކްސެސް ނެޓްވަރކް ސޮލިއުޝަން ދިރާގުގެ ސީއެސްއާރގެ ދަށުން މިއަހަރުވެސް ފޯރުކޮށްދީފި އެވެ.
މި ހިދުމަތުގެ ދަށުން މާލޭގައި ހުންނަ މުދައްރިސަކަށް އެހެން ރަށްތަކުގައި ތިބޭ ދަރިވަރުންނަށް ރިމޯޓްކޮށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހިންގާ ތަފާތު ކޯސްތަކުގައި ރަށުގައި ތިބެގެން ބައިވެރިވެވޭނެ އެވެ. މިހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިރާގުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއެކު ރަސްމީ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
މި 2 ރަށުގައި ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ރަށުގައި ތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު މިހިދުމަތުގެ ސަބަބުން ހުޅުވިގެންދާނެ އެވެ. އަދި ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިއްބަވައިގެން މުދައްރިސުންނަށް ފިލާވަޅު ނަންގަވައިދެއްވާ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުވެސް ވަގުތުން ދެއްވޭނެ އެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މި ޕްރޮގްރާމަކީ އަތޮޅުތެރޭގައި ތިއްބަވާ ފަރާތްތަކަށް ރަށުގައި ތިބެގެން ޑިގްރީ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮގްރާމެކެވެ. އަދި މި ކަމުގެ ސަބަބުން މުޖްތަމަޢަށް ގިނަގުނަ ފައިދާތަކެއް މި ޕްރޮގްރާމުގެ ޒަރިއްޔާއިން ލިބިގެންދާނެ ކަމަށެވެ.
ޖުމްލަ 91 ދަރިވަރުން މިވަގުތު މި ޕްރޮގްރާމްގައި ބައިވެރިވެފައިވެ އެވެ. އެއީ 65 ދަރިވަރުންނާއެކު ޤުރުއާން މުދައްރިސް ކަމުގެ ޑިގްރީގައި 65 ކުދިން އަދި އިމާމްކަމުގެ ޑިގްރީ ގައި 26 ދަރިވަރުންނެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މިފަދަ ތައުލީމާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދިރާގުން ވަރަށް އިސްކަމެއްދޭ ކަމެއްކަމަށް އެކުންފުނިން ބުނެ އެެވެ.