އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.
ސައުދީ އަރަބިއްޔާގެ މައްކާގައި އިއްޔެ ފެށި މި ސަމިޓުގެ މަގުސަދަކީ މުޅި މުސްލިމު އުންމަތުގެ ލާބަޔާ މަންފާއަށްޓަކައި މަސައްކަތްކުރުމަށް އިސްލާމީ ގައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާ އަދި ދީނުގެ މަތިވެރި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.
ކޮންމެ 3 އަހަރަކުން އެއްފަހަރު ބާއްވާ މި ސަމިޓުން މުސްލިމު މެޖޯރިޓީ ގައުމުތަކުގެ ލީޑަރުންނަށް ފާހަގަކުރެއްވޭ އެންމެ މުހިންމު މައްސަލަތަކާއި އުންމަތުގެ އެކިއެކި ކަންކަމުގައި އެގައުމެއްގެ ވިސްނުންހުރިގޮތް ހިއްސާކުރެއްވުމާއި އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ގައުމުތަކުގެ އިސްވެރިންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ތަނަވަސްވެގެންދެއެވެ.
ކޮންފަރެންސްގައި ވާހަކަދެކެވޭ މައްސަލަތަކުގެ ތެރޭގައި ގައުމުތަކުގެ އެތެރޭގެ ބައެއް މައްސަލަތަކާއި އިސްލާމީ ގައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާއި އެކިއެކި ގައުމުތަކުގައި ދިރިއުޅޭ ބައިމަދު މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ އެކި މައްސަލަތަށް ހިމެނެއެވެ.
މި އަހަރުގެ ސަމިޓްގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަށް ހިމެނެއެވެ.
މި ސަމިޓަށް ރައީސް ސޯލިހު ވަނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. މިގޮތުން މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އަދި ވަކިން ހާއަސަކޮށް ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ފާހަގަކުރައްވައިފައެވެ.