ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އަންގައިފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރު ގަދަވަމުންދާތީ ޖޫންމަހުގެ ތިން ވަނަދުވަހު ހަވީރުން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވާނެކަމަށްވެސް ލަފާ ކުރެވެ އެވެ.
ބޯކޮށް ވާރޭވެހި، ވައިގަދަވެ، މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ހާއްސަކޮށް ގަދަވާނެކަމަށް ލަފާކުރެވޭތީ ހާއްސަކޮށް ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެދެއެވެ.