ކުޅުދުއްފުށިން ޒަކާތުގެ ގޮތުގައި 146،370 ރުފިޔާ ބަލައިގެން ފައިވާ ކަމަށާއި ޒަކާތް ބެހުން މިއަދު ހަވީރުން ފެށިގެން ކުރިއަށް ދާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ ރައީސް އަބްދުލްލަތީފް "ކޭއޯ"އަށް މައުލޫމާތު ދެމުން ވިދާޅުވީ ޒަކާތްބަހަން ފަށާނީ މިއަދު ހަވީރު 16:15 ގައި ކަމަށާއި، އަދި މިރޭވެސް ޒަކާތްބެހުން ކުރިއަށް ދާނެކަމަށެވެ.
ފަގީރުންގެ ގޮތުގައި މިއަހަރު ކުޅުދުއްފުށިން 238 މީހުން ރެޖިސްޓްރީ ވެފައިވާއިރު މި އަހަރު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހެނީ 615 ރުފިޔާއެވެ.
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަ ފަށާފައިވަނީ މި ހުސްވި މެއި މަހު 7 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި ކުޅުދުއްފުށީ ކައުންސިލުން ބަލައިގަނެފައިވަނީ 140،196 ރުފިޔާއެވެ. އަދި ޒަކާތް ބަހާފައިވަނީ ބޮލަކަށް 310 ރުފިޔާގެ މަގުންނެވެ.