ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ތިން ގެޔަކުން މީހުން ހުސްކޮށްފި އެވެ. ދިރިއުޅެން ދަތިވާ ވަރަށް 6 ގެޔަކަށް ފެންވަދެފައިވާއިރު ތިން ގެޔަކުން ވަނީ މީހުން ހުސްކޮށްފަ އެވެ.
ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފެންވަނުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި ތިން ގޭގެ ތެރެއިން އެހީތެރިކަމަށް އެދިފައިވަނީ އެއް ގެއިން ކަމަށެވެ. އެއާއިލާއަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ގެސްޓްހައުސްއަކުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާއިރު އަނެއް ދެ ގެއިން ބޭނުންވީ އާއިލާގެ އެހެން ގެތަކަށް ބަދަލުވުމަށް ކަމަށެވެ.
މިއަދު މެންދުރުން ފެށިގެން މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ފެންގަނޑު ހެދިފައިވާއިރު ފެން ހިނދުމުގެ މަސައްކަތް ކައުންސިލާއި ޑީއެމްސީ އާއި ސިފައިންނާއި ފުލުހުން އަދި ރެޑްކުރެސެންޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ.