twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހާލުގައި ޖެހުނު ގެތަކަށް ވެލި ދޫކުރަން ފެށުމުން، ގިނަ ބަޔަކު ނެގީ ނާޖާއިޒު ފައިދާ

އަބްދުލް ވާހިދު ޙަސަން
Jun 5, 2019
7

ކުޅުދުއްފުއްޓަށް އިއްޔެ ކުރި ވިއްސާރާގައި ފެން ބޮޑުވި ގެތަކަށް ވެލިގަނޑުން ވެލިނެގުމުގެ ހުއްދަ ކައުންސިލުން ދިނުމުން އެކަމުގެ ނާޖާއިޒު ފައިދާ ގިނަ ބަޔަކު ނަގައިފި އެވެ. ބޯކޮށް ވާރޭވެހި ގިނަ ގެޔަކަށް ފެނުގެ އަސަރުކުރާކަމުގެ ރިޕޯޓް ކައުންސިލަށް ލިބުމާއެކު ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔާތްކުރުމަށް އަވަސް ފިޔަވަޅު އެޅުމުގެ ގޮތުން ކައުންސިލުން ވަނީ ވެލިގަނޑު ސަރަހައްދުގައި ހުރި ވެލިފުނިތަކުން އަމިއްލައަށް ވެލިގެނެވެން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

ވެލި ނެގުމުގެ ހުއްދަ ކައުންސިލުން ދިނުމާއެކު އެކަމުގައި ހާލުގައި ޖެހުނު ގިނަ ގެތަކެއްގެ ރައްޔިތުން ގޯނި ފަދަ ތަކެތި ހިފައިގެން ގޮސް ވެލި އަޅައިގެން ގެޔަށް ފެންނުވަންނާނެހެން ދޮރުތަކުގައި ޖެއްސި އެވެ. އާއްމުކޮށް އެކަން އެހެން ހުޅުވާލީ ފެނުގެ އަސަރުކުރި ގެތަށް ގިނަވެ މުވައްސަސަތާކަށް ހިދުމަތް ދިނުން ލަސްވެދާނެތީ ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔާތްކުރުމުގެ މަގުސަދުކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. ކައުންސިލުން ވެލިނެގުމުގެ ހުއްދަ ދިނީ ހަމައެކަނި ފެނުގެ އަސަރުކޮށްފައި ނުވަތަ އަސަރުކޮށްދާނެ ގެތަކުގެ ދޮރުތަކުގައި ވެލި ބަސްތާ ޖެހުމަށް ބޭނުންވާ ވެލި ނެގުމަށެވެ.

ނަމަވެސް ވެލި ނެގުމުގެ ހުއްދަ ދިންތާ މާގިނައިރުތަކެއް ނުވެ ގިނަ ބަޔަކު ވެލި ނަގަން ފެށި އެވެ. ލޮރީ އާއި ޕިކަޕް ފަދަ ވެހިކަލްތަކުގައި ގޮސް ވެލި ނެގި އެވެ. އޭރުވެސް ޕަބުލިކް ވޯކްސް އާއި ކަމާ ގުޅުން ހުރި އެހެން އިދާރާތަކުން ދިޔައީ ފެންބޮޑުވި ސަރަހައްދުތަކަށާއި ގެތަކަށް ބޭނުންވާ ވެލި ފޯރުކޮށްދެމުންނެވެ. ޕިކަޕްތަކުގައި މީހުން ގޮސް މިއައީ ފެންވަދެ ގެއްލުންވިކަމަށް ބުނުމުންވެސް އެއްވެސް ބެލުމެއް ނެތި ޕިކަޕްތަކަށް ވެލިއަޅާދެމުން ދިޔަ އެވެ. ފެނުގެ އަސަރު އެއްވެސް ވަރަކަށް ނުކުރާ ބައެއް ގެތަކަށް ޕިކަޕްތަކުގައި ވެލި ވެއްދި މަންޒަރު މިނޫހުގެ ރިޕޯޓަރުންވެސް ވަނީ ފެނިފަ އެވެ.

ފެންބޮޑުވުމުގެ މިކާރިސާގައި އިސްކޮށް އުޅުނު މުވައްޒަފަކު ބުނީ ގާ އެޅުމަށާއި ސިމެންތި ޖެހުމަށްވެސް ބައެއް ފަރާތްތަކުން ވެލި ގެންދިޔަ ކަމަށާއި އެކަން ކައުންސިލަށް ރިޕޯޓްވެސް ކުރި ކަމަށެވެ. އެއްވެސް ވަރަކަށް ބެލުމެއް ނެތި ބައެއް ގޯތިތައް ކައިރިއަށް އުސްކޮށް ވެލިއެޅުމުގެ ސަބަބުން ކައިރީގައި ހުރި ބައެއް ގެތަކަށް ފެން ވަދެދާނެކަމުގެ ބިރުވެސް ވަނީ ހީވެފަ އެވެ.

މިކަމާ ގުޅިގެން ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އާތިފްވަނީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ފެންބޮޑުވުން ފަދަ ކާރިސާތަކުގައި ކައުންސިލާ އެކި ފަރާތްތަކުން ފޯރުކޮށްދޭ އެހީތެރިކަމުގެ ނާޖާއިޒު ފައިދާ ނަގާނަމަ އެހީތެރިކަން އަސްލު ބޭނުންވާ ފަރާތްތަކަށް އެހީ ލިބުން ދަތިވެދާނެ ކަމަށެވެ. ކޮންމެ ކަމެއްގައިވެސް އިޙްލާސްތެރިވުން މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ މިއަދު ހަވީރު ވެލިނެގުން މަނާކޮށްފައިވާ ކަމަށާއި ދެން ވެލި ނެގޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށެވެ. ގަވައިދާ ހިލާފަށް ވެލި ނަގައި ފަރާތްތަކާ މެދު ގާނޫނޫ ފިޔަވަޅު އަޅާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ. ވެލިނެގުން މަނާކުރި ވަގުތުން ފެށިގެން ހަވީރު 6:30 އިރުވެސް ޕިކަޕްތަކުގައި މީހުން ވެލި ގެންދިޔަ އެވެ. އެކަން ނުހުއްޓުވަނީ ކީއްވެތޯ ލަތީފްއާ ސުވާލުކުރުމުން ވިދާޅުވީ ގާނޫނު ތަންފީޒުކުރާ ފަރާތްތަކީ ފުލުހުން ކަމަށާއި އެކަން ހުއްޓުވުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

ލަތީފް ވިދާޅުވީ އެއްވެސް ވަރަކަށް ފެނުގެ އަސަރުނުކުރާ ގެތަކަށް ވެލި ވެއްދިކަމުގެ ގިނަ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވެއްޔަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް ވެލި ލިބުމުގެ ޝަކުވާވެސް ލިބުނު ކަމަށެވެ. ދެން ވެލި ދޫކުރަނީ ސީދާ ޕަބުލިކް ވޯކްސްގެ ބެލުމުގެ ދަށުން ކައުންސިލުން ހުއްދަދޭ ފަރާތްކަށް އެކަނި ކަމަށާއި އެނޫން ފަރާތްތަކުން އެކަން ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355