ހދ މަކުނުދޫ ސްކޫލުގެ ގޯލްޑަން ޖުބުލީ ހަރަކާތުގައި ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބުދުﷲ ބައިވެރިވެޑައިގަންނަވައިފި އެވެ. މުޅި އަހަރަށް ބަހާލައިގެން ގޯލްޑަން ޖުބުލީ ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް އެ ސްކޫލުން ދަނީ ކުރިއަށްގެންދަމުންނެވެ.
ގޯލްޑަން ޖުބުލީ ފާހަގަކުރުމަށް އީދު ދުވަހު ބޭއްވި އިސް ދަރިވަރުންގެ ހާއްސަ ފުޓްބޯޅަ މުބާރާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މިނިސްޓަރު ބައިވެރިވެވަޑައިގެންނެވީ ވެހެމުންދިޔަ ބޯ ވިއްސާރާގައި އެވެ. މެޗު ނިމެންދެން މިނިސްޓަރު އެއްވެސް ފޫހިކަމެއް ނެތި ވިއްސާރަގައި އިންނެވި އެވެ.
އިސް ދަރިވަރުންގެ ހާއްސަ މި ފުޓްބޯޅަ މެޗްގައި ވަރަށް އުމުރުން ދުވަސްވެފައި ތިބެއްވި ފަރާތްތަކުންވެސް ބައިވެރިވި އެވެ. އެގޮތުން އުމުރުން 60 އަހަރާ ގާތްވެފައިވާ އިސް ދަރިވަރުން ބައިވެރިވެ، ފުޓްބޯޅަ ކުޅުއްވި އެވެ. އޭގެ ތެރޭގައި މިހާރު ރަށުގެ އެކި މުވައްސަސާތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންވެސް ހިމެނެ އެވެ.
މަކުނުދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ލުތުފީ ކޭއޯއަށް ވިދާޅުވީ އިސް ދަރިވަރުންގެ މެޗުން ރަށުގެ ކުރީގައި އޮތް އިޖުތިމާއީ ރޫޙް ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށެވެ. އެ ފުޓްބޯޅަ މެޗުން ވެގެންދިޔައީ ރަށުގެ ރައްޔިތުން ކުރީގައި އޮތް އެއްބައިވަންތަކަން އަލުން އަނބުރާ ގެނެސްދިން މެޗަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ މެޗު ބައްލަވާލެއްވުމަށް ރަށުގެ ސްކޫލުގެ ވެރިންގެ ގޮތުގައި އެކި ދުވަސްވަރު ހަވާލުވެ ތިއްބެވި ބޭފުޅުން ވަޑައިގެންނެވި ކަމަށެވެ. އެގޮތުން މިހާރު މުސްކުޅި ބަލީގައި ތިއްބެވި ވެރިންވެސް ވެހިކަލްތަކުގައި މެޗު ބައްލަވާލެއްވުމަށް ވަޑައިގެންނެވި ކަމަށެވެ.
މަކުނުދޫ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތެއް ދަނީ ހިންގަމުންނެވެ. އެގޮތުން ދަރިވަރުން ޙިފްޡު ކުލާސްތަކާއި ޙަތިމުކުރުމުގެ ޕްރޮގުރާމާއި ސައިންސް ފެއާ އާއި ތަފާތު ކުޅިވަރު ޕްރޮގުރާމްތައްވެސް އަންނަނީ ބާއްވަމުންނެވެ. މި ހަރަކާތައް އަންނަ އަހަރުގެ މެދަކާ ހިސާބަށް ކުރިއަށްދާނެ އެވެ.