ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ދެންމެ ދިވެހިރާއްޖެއަށް ވަޑައިގަންފި އެވެ. މޯދީ ވަޑައިގަތުމުން އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވި ވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނުގެ އަރިހުގައި، އިންޑިއާ ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ. މިވަފުދުގައި 100 ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް ސޯލިހުގެ ދައުވަތަކަށް މޯދީ ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމަށް ހަމަޖެހިފައިވާއިރު މިރޭ އިރުއޮއްސުމުން މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުވެސް ކުރައްވާނެ އެވެ.
އިންޑިޔާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވެވުމާއި ދެޤައުމުގެ މެދުގައި ބައެއް އެއްބަސްވުން ބަދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. ދަތުރުފުޅުގައި ތަފާތު 5 ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަން ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.
I thank President @ibusolih for inviting me to the Republic of Maldives. I also had the opportunity to be a part of the inauguration ceremony in November 2018. India views the Maldives as a valued partner with whom we share deep bonds of history and culture.
— Narendra Modi (@narendramodi) June 7, 2019
އެގޮތުން މިދަތުރުފުޅުގައި ރާއްޖެއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއާ އިންޑިޔާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުމާއި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމާއި އިންޑިއާގެ ނެޝަނަލް ސެންޓަރ ފޮރ ގުޑް ގަވަނެންސްއިން، ސިވިލް ސަރވެންޓުންނަށް ހާއްސަ ކެޕޭސިޓީ، ބިލްޑިންގް ޕްރޮގްރާމް ހިންގުމުގެ އެއްބަސްވުމާއި އިންޑިއާއާއި ރާއްޖެއާއި ދެމެދު ވައިޑް ޝިޕިންގް އިތުރުކުރުމުގެ އެއްބަސްވުމާއި އިންޑިއާއާއި ރާއްޖެއާއި ދެމެދު ހައިޑްރޮގްރަފީ އަދި އޯޝަން އިކޮނޮމީގެ ދާއިރާއިން ވެވޭ އެއްބަސްވުމާއި ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގް އިތުރު ކުރުމުގެ އެއްބަސްވުމެވެ.