އިންޑިޔާގެ ކޮޗިންނާއި ކުޅުދުއްފުށި އަދި މާލެއާ ދެމެދު ފެރީގެ ހިދުމަތް ގާއިމުކުރެވިގެންދިޔުމުން ވިޔަފާރި އާއި ފަތުރުވެރިކަން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ. ކޮޗިންނާއި ކުޅުދުއްފުށި އަދި މާލެއާ ދެމެދު ފެރީގެ ހިދުމަތް ހިދުމަތް އިއްޔެ ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
އިންޑިޔާގެ ބޮޑުވަޒީރުއާއެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި ވާހަކަ ދައްކަވަމުން ރައީސް އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމު މިއަދު އޮތް ހިސާބަށްވުރެ ބޮޑަށް ވަރުގަދަކުރުމަކީ ދެ ގައުމަށް ގިނަ ފައިދާތަކެއް ކުރާނެކަމުގައި މޯދީއާއެކު އެއްބަސްވެވުނު ކަމަށެވެ.
ކޮޗިންއާ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ގާއިމުކުރެވިގެންދިޔުމުން ވިޔަފާރި އާއި ފަތުރުވެރިކަން އަދި މުދަލާއި މީހުން އެކުލެވޭ މުއާމަލާތްތަކުގައި ދެ ގައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، އުންމީދަކީ ކޮޗިން ފެރީގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފަށައިގަނެ ހިދުމަތް ލިބިގެން ދިޔުން ކަމަށެވެ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު ފެށުމަށް ނިންމާފައިވަނީ ކާގޯ ޕެސެންޖަރ ފެރީގެ ހިދުމަތެވެ.
"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ފެރީ ސަރވިސް ބިޓްވީން އިންޑިއަން އެންޑް މޯލްޑިވްސް ގަވަރމަންޓްސް" ނަމުގައި ބަދަލު ކުރެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެން ދިއުމާއި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެ އެވެ.
ކުޅުދުއްފުށީ-ކޮޗިން ފެރީއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަށަން އިއުލާންކުރި މަޝްރޫއުއެކެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިން ވެއްޓުމުގެ ސަބަބުން އެކަން ނުވީކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ވަނީ ވިދާޅުވެފަ އެވެ. އެޖަލްސާގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އަލުން އެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށެވެ. ރައީސް އިބުރާހިމް މުހައްމަދު ސޯލިހްވެސްވަނީ އެމޭރުމުން ވާހަކަފުޅު ދައްކަވާފަ އެވެ.