ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާތީ، ރާއްޖޭގެ ދުރުން ރާއްޖޭގެ ހުޅަނގު އުތުރުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭނެކަމަށް ލަފާކުރެވިފައިވާތީ ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ވައިގަދަ ވާނެކަމަށް މޫސުމާ ބެހޭ އިދާރާ ހާމަކޮށްފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ވައި ޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ. އެކަމަކު ދޭތެރެ ދޭތެރެއިން ގަޑިޔަކު 50 މޭލާއި 55 މޭލާ ދެމެދު ބާރުމިނަކަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެ އެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނެފައިވަނީ މެދުތެރެ އާއި އުތުރުގެ ކަނޑުތައް އާއްމުކޮށްގޮތެއްގައި ގަދަވާނެ ކަމަށާއި އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް ވައިގަދަވުމާ ގުޅިގެން ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވޭތީ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން ހާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރެ އެވެ.