މާލޭ ބާޒާރުމަތީ ސަރަހައްދުގައި ސަލާންޖަހަން ތިބޭ ބައެއްފަރާތްތަކާއި ޖެންޑާރ މިނިސްޓަރ ޝިދާތާ ޝަރީފް ބައްދަލުކޮށް އެފަރާތްތަކުގެ ހާލަތު އޮޅުންފިލުވައިފި އެވެ.
މާލޭ ބާޒާރުމަތީ ސަރަހައްދުގައި ބައެއް ފަރާތްތަކުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށް ބުނެ އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެދި ސަލާންޖަހާ ކަން ފާހަގަކުރެވިފައިވާތީ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް އެފަރާތް ތަކާއި ބައްދަލުކޮށްފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ 1ވަނަ ދުވަހު އެވެ.
އެފަރާތް ތަކުން މިނިސްޓަރ ޝިދާތާއަށް ހުށައަޅާފައިވާ ކަންބޮޑުވުން ތަކުގެ ތެރޭގައި ހިމެނެނީ ވަޒީފާއެއް ނެތުން ނުވަތަ ނުލިބުން، ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ބޭސް ފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވުމުގެ އިތުރުން ބޯހިޔާވަހިކަން ހޯދުމުގައި ދަތިތަކެއް ހުރުން ފަދަ ކަންތަށް ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށާއި ދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ މީހުންނަށާއި އާއިލާތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމުގައިވާތީ މި ބާވަތުގެ މައްސަލަތައް ހައްލުކުރުމުގެ މަގްސަދުގައި މިދިޔަ ފެބުރުވަރީ މަހުގެ މިނިސްޓަރ ޝިދާތާ ވަނީ “އިންޓަރވެންޝަން”ގެ ނަމުގައި 4 މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލައިފައެވެ.
މި ކޮމިޓީއަކީ ދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަނެ އެ ފަރާތްތަކުގެ ހާލަތު ބަލައި އެ ފަރާތްތަކަށް ވެވިދާނެ އެހީތެރިކަމަކީ ކޮބައިކަން އޮޅުންފިލުވައި އެ އެހީތެރިކަމެއް ލިބޭނެ ނުވަތަ ފޯރުކޮށްދެވޭނެ ވުޒާރާ މުއައްސަސާ އަދި މަރުކަޒަކާ އެ ފަރާތެއް ގުޅުވައިދިނުން ހިމެނެއެވެ. އެގޮތުން މި ކޮމިޓީގެ ފަރާތުން މިހާތަނަށް މި ފަދަ 20 ފަރާތެއްގެ ހާލަތު ދެނެގަނެ ކުރިއެރުން ވަނީ ހޯދިފައި ކަމަށް ޖެންޑާރ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން ތަފާތު އެކި އެލަވަންސްތައް ލިބުމަށް ޝަރުތު ހަމަވާ އެހެން ނަމަވެސް މިހައިތަނަށް އެ ފަދަ އެލަވަންސެއް ލިބެމުން ނުދާ ފަރާތްތަކަށް މި އެލަވަންސްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވި އެލަވަންސް ލިބޭނެ މަގުފަހިކޮށްދިނުންމުގެ އިތުރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ނެތް ފަރާތްތަކަށް އެ ތަކެތި ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވެދީ ބޭސްފަރުވާއާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މަރުކަޒުތަކާ އެ ފަރާތްތައް ގުޅުވައިދެއެވެ.
ވަޒީފާއެއް ހޯދައިދިނުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން 3 ފަރާތެއް ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައިދީ އަދި އިތުރު 1 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދިނުމުގެ އިތުރުން އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު މިހާރު ވެސް ދަނީ މަޝްވަރާކުރެވެމުން ކަމުގައި މިނިސްޓްރީއިން ހާމަކުރެއެވެ.
އާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ އާއިލާތަކާ ވާހަކަދައްކައިގެން އެ ފަދަ މައްސަލަތައް ހައްލުކޮށް އެ ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުމާއި މީގެ ތެރެއިން 2 ފަރާތެއްގެ މައްސަލައަކީ ކަންބޮޑުވާން ޖެހޭ އަދި އިތުރަށް ބަލަން ޖެހޭ ފަދަ 2 މައްސަލަ ކަމުގައި ފާހަގަކުރެވިފައިވާތީ މިނިސްޓްރީން ދަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު އެ 2 މައްސަލަ ބަލަމުންކަމުގައި ހާމަކުރިއެވެ. މީގެ އިތުރުން އާއިލާއާ ހަވާލުވުމަށް އަނބުރާ ރަށަށް ދިޔުމުގައި ދަތިތައް ހުރި ފަރާތްތަކަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.