ހުޅަނގު މޫސުމުގެ ގަދަޔަވަރާއެކު ވިއްސާރަކުރަން ފަށާފައިވާއިރު ގިނަ ރަށްރަށުގެ ބަނދަރުމަތިން ފެންނަނީ ތަފާތު މަންޒަރެކެވެ. ތޮށިގަނޑު މަތީގައި ތިބެގެން ދޮށި އުކައިގެން މަސްބާނާ މަންޒަރެވެ. ބަނދަރުގެ ތޮށިގަނޑު މަތީގައި ތިބެގެން މަސްބޭނުމަކީ ބައެއް ރަށްރަށުގައި އެހާ އާންމުކަމެއް ނޫނެވެ.
ނަމަވެސް މިދުވަސްވަރު ގާގަތްގަނޑަށްހެން އުތުރުގެ ގިނަ ރަށްތަކަކުން މިމަންޒަރުން ފެނިގެންދާނެ އެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވެ، ގަދަވަޔާއެކު ކަނޑުގައި މަސްތަކަށް ކެތްނުކުރެވިގެން ހިމާޔަތަށް ވަންނަނީ ރަށުގެ ފަޅަށެވެ. އެއާއެކު ބަނދަރުގެ ތެރޭގައި މަސްތައް ތިޔާގިވެގެންދެ އެވެ.
މި ވިއްސާރާގައި ފަޅު ނުވަތަ ބަނދަރުތެރެއަށް ވައްދާލާފައިވަނީ ގިނައިން މުށިމަސް އައިގަނޑުތަކެވެ. ވަގުތުގެ ބޭނުން ހިފާ ރައްޔިތުން ތޮށިގަނޑު މަތީގައި ތިބެގެން ކުރު ދޮށީގައި މަސްބާނަނީ އެވެ. ކުޅުދުއްފުށީގައި ބަނދަރުގައި މަސްބާނަށް ހުރި މީހަކާ ސުވާލުކޮށްލުމުން އޭމީހާ ބުނީ މަސްތައް ވަރަށް ދަހިކަމަށެވެ.
" ހަމައެއްލާތަނުން ކަހަލައިން ގަނޭ. ވަރަށް ދަހި. އެކަމަކު އުޅެނި ކުދި މުށިމަސް." ކުޅުދުއްފުށީ ބަނދަރުގައި މަސްބާނަން ހުރި މީހަކު ބުންޏެވެ.
މިއަދު މެންދުރުވެސް ގާތްގަނޑަށް 20 މީހުން މުށިމަސް ބޭނުމަށް ބަނދަރުގައި ތިބިއިރު ކުޅި ބަލަންވެސް މީހުން ގޮސްތިބެ އެވެ. އާންމުގޮތެއްގައި މުށިމަސް ބާނާއުޅެނީ ފަޅުތެރޭގައި ކުދި ދޯނި ނުވަތަ ޑިންގީފަދަ ތަކެތީގައި ތިބެގެންނެވެ. ނަމަވެސް މިދުވަސްވަރު ރަށްރަށުގެ ބަނދަރުތެރެއަށް މުށިމަސް ގަނޑު ވައްދާލުމުން ތޮށިގަނޑުގައި ތިބެގެންވެސް ކުރުދޮށިން މަސްބޭނެ އެވެ.
ދިވެހިންގެ މައިގަނޑު ކެއުމަކީ މަހުގެ ބާވަތްތަކަށްވާއިރު މުށިމަސް ގިނައިން ބޭނުންކުރަނީ ތެލުލައިގައި ކެއުމަށެވެ.