twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށި: 1500 އަށްވުރެ ގިނަ ދަރިވަރުން ނާސްތާ ޕްރޮގުރާމުގައި ބައިވެރިވެއްޖެ

* ސްކޫލުތަކަށް ނާސްތާ ތައްޔާރުކޮށްދެނީ ކާނިވަލް ރެސްޓޯރަންޓުން
* މިރަށުގައި ސަރުކާރު ސްކޫލުތަކުގައި 2500 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރޭ

އިބްރާހިމް ހަމީދު
Jun 10, 2019
2

ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލުގެ އިތުރުން ހދ އަތޮޅު ތައުލީމީ މަރުކަޒުން ހެނދުނުގެ ނާސްތާ ޕްރޮގުރާމްގައި ފަނަރަސަތޭކަވުރެން ގިނަ ދަރިވަރުން ބައިވެރިވެފައިވާކަމަށް އެސްކޫލުތަކުން ބުނެފި އެވެ.

މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފެށުމަށް ތައްޔާރުވެފައިވާއިރު ހެނދުނުގެ ނާސްތާ ޕްރޮގުރާމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.

އަފީފުއްދީން ސްކޫލު ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ އެސްކޫލުގައި 860 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު ހެނދުނުގެ ނާސްތާ ޕްރޮގުރާމްގައި ބައިވެރިވެފައިވަނީ 749 ދަރިވަރުންކަމަށެވެ. ނާސްތާ ސްކޫލަށް ގެނައުމާއެކު ކޮންމެ މެނޫއެއް ސްކޫލުން ވަކިވަކިން އިންސްޕެކްޝަން ހެދުމަށްފަހު ނޫނީ ދަރިވަރުންނާ ހަމައަށް ފޯރުކޮށްނުދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ އެސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ 270 ދަރިވަރުންގެ ތެރެއިން ހެނދުނުގެ ނާސްތާގައި 223 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް ދޭން ގެންނަ ނާސްތާ ތިން މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުން މޮނިޓަރ ކުރެވޭނެކަމަށްވެސް އައިމިނަތު ވިދާޅުވި އެވެ.

އަދި ދެ ދަންފަޅިއަށް ކިޔަވައިދެމުންގެންދާ ހދ އޭއީސީ ސްކޫލުގެ ޕްރިންސިޕަލް ޝަހީދާ އަލީ ވިދާޅުވީ ސްކޫލުގައި ތައުލީމީ ހާސިލުކުރަމުންދާ 1338 ދަރިވަރުންގެ ތެރެއިން 586 ދަރިވަރުން ވަނީ މާދަމާ ފަށާ ހެނދުނުގެ ނާސްތާގައި ބައިވެރިވެފަ އެވެ.

"ސްކޫލުގައި ދެ ދަންފަޅިއަށް ކިޔަވަމުންދާއިރު ނާސްތާ ޕްރޮގުރާމުގައި ބައިވެރިވި މިވެވެނީ ހަމައެކަނި ހެނދުނު ދަންފަޅީގައި ކިޔަވަމުންދާ ދަރިވަރުންނަށް. ސްކޫލުގެ ފަސް ސްޓާފުންގެ ޓީމަކުން ނާސްތާ އިންސްޕެކްޝަން ހަދާނެ". ޕްރިންސިޕަލް ޝަހީދާ އަލީ ވިދާޅުވި އެވެ.

ކާނިވަލް ރެސްޓޯރަންޓުން ބުނީ ކުޅުދުއްފުށީގެ ތިން ސްކޫލުކަމަށްވާ އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލުގެ އިތުރުން އޭއީސީން ޖުމްލަ 1558 ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ޕްރޮގުރާމްގެ ނާސްތާ މާދަމާއިން ފެށިގެން މެނޫއާ އެއްގޮތަށް ފޯރުކޮށްދޭނެކަމަށެވެ.

މި ޕްރޮގްރާމުގެ ފެށުމަށް މިއަހަރުގެ ފުރަތަމަ ޓާމްގައި ވަނީ އަތޮޅުތެރެއާއި މާލެހިމެނޭ ސަރަހައްދުތައް ހިމެނޭގޮތަށް 25 ސްކޫލަކަށް ކިޔަވަމުން އަންނަ 14720 ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދީފައެވެ. ހެނދުނުގެ ނާސްތާ މިހާތަނަށް ނުދެވިވާ 188 ސްކޫލަށް އެޕްރޮގުރާމް މާދަމާއިން ފެށިގެން ދޭން ތައްޔާރުވަމުން އަންނައިރު ރާއްޖޭގެ ސްކޫލުތަކުގައި މިއަހަރު 70000 އަށް ވުރެން ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލު ކުރަމުން ނެވެ.

ސްކޫލު ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ޔުނިސެފްގެ އެހީގައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނާސްތާ ދިނުމަށް 10 މެނޫއެއް ތައްޔާރުކޮށްފަ އެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސް އަދި ކިރު ގެ އިތުރުން ތަރުކާރީ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ތަފާތު ވައްތަރުގެ ސޭންޑްވިޗް ފަދަ ތަކެތި ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355