އިބްރާހިމް ހަމީދު
ހދ. އަތޮޅުގައި ރިސޯޓް ހެދުމަށް ތްރީއޭ ކޮމްފެނީ އަށް ސަރުކާރުން ކުއްޔަށް ދީފައިވާ ކުޑަމުރައިދޫން ގަވައިދާ ހިލާފަށް އެކުންފުނީގެ ކޮޅުވެއްޓިއަކަށް ވެލިބަރުކޮށްގެން އެކުންފުނިން ހަދަމުންދާ އެހެން ރަށަކަށް ގެންދަނިކޮށް އަތުލައިގެންފިއެވެ.
އާއްމު ފަރާތަކުން ރޭ ދަންވަރު އަތޮޅު ކައުންސިލަށް ޝަކުވާ ހުށަހެޅުމުން، ފުލުހުންނާއި އަތޮޅު ކައުންސިލް ގުޅިގެން ރޭހިންގި އޮޕަރޭޝަންގައި ތްރީއޭ ކޮމްޕެނީގެ ކޮޅުވެއްޓި އަތުލައިގަތްއިރު 5000 ބަސްތާ ވެލިހުންނާނެކަމަށް އަތޮޅު ކައުންސިލްގެ މީޑިއާ އޮފިޝަލް ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވިއެވެ.
“ކުޑަމުރައިދޫން ވެލިގެންދަމުންދާކަމުގެ ޝަކުވާ އާއްމު ފަރާތަކުން ހުށައެޅުމުން އަތޮޅުކައުންސިލުން ފުލުހުންނަށް ރިޕޯރޓް ކޮށްގެން ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންގެ ޓީމާއި އެކު އަތޮޅު ކައުންސިލްގެ ޓީމްވެސް ކުޑަމުރައިދުއަށް ދިޔައިން.” އަތޮޅު ކައުންސިލްގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ. “މިހާރު ވެލި ބަރުކޮށްފައިވާ ކޮޅުވެއްޓި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް އެއޮތީ ގެނެސްފައި.”
އަތޮޅު ކައުންސިލްއިން މައުލޫމާތު ދެއްވިގޮތުގައި މިއީ ތްރީއޭ ކުންފުނިން އާއްމުކޮށް ކުރާކަމެއްކަމަށާއި އަބަދުވެސް ކުޑަމުރައިދޫން ވެލިނަގައިގެން އެކުންފުނިން ހަދަމުންދާ އެހެންރަށްރަށުގެ ބޭނުންތަކަށް ވެލިގެންދަމުންދާ ކަމަށެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމަތު ދެއްވަމުން ފުލުހުންގެ މީޑީޔާ އޮފިޝަލް ސަބް އިންސްޕެކްޓަރ އަހްމަދު ޝިޔާމް ވަނީ ގަވައިދާ ހިލާފަށް ވެލި ގެންދަންނިކޮށް ކޮޅުވެއްޓިއެއް އަތުލިކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި އިތުރަށް އެމައްސަލަ ތަހުގީގު ކުރަމުންދާތީ މިވަގުތު އިތުރު ތަފްސީލެއް ދެވެންނެތް ކަމަށް ވިދާޅުވިއެވެ.
ކޮޅުވެއްޓިއަށް އަރުވާފައިހުރި ވެލިތައް ހުސްކުރުމަށް މިހާރުވަނީ ކުޑަމުރައިދުއަށް ގެންގޮސްފައެވެ.
ކުޑަމުރައިދޫ އަކީ ތްރީއޭ ކުންފުންޏަށް ރިސޯޓް ހެދުމަށް ކުރީގެ ސަރުކާރުން ކުއްޔަށްދޫކޮށްފައިވާ ރަށެކެވެ. ހދ. އަތޮޅުގައި ރިސޯޓު ހެދުމަށް ދޫކޮށްފައިވާ އެއްވެސް ރަށެއް މިހާތަނަށް އަދި ހުޅުވިފައިއެއް ނުވެއެވެ.