މިއަހަރުގެ މިހާތަނަށް ކުޅުދުއްފުށިން އެކަނިވެސް 200 އަށްވުރެ ގިނަ މީހުންނަށް ޑެންގީހުން ޖެހިއްޖެ އެވެ. މިއަހަރު އާދަޔާ ހިލާފު އަލުވި މިނެއްގައި ޑެންގީހުން ދަނީ ކުޅުދުއްފުށީގައި ފެތުރެމުންނެވެ.
މިއަހަރު ޑެންގީހުން ފެތުރޭ މިންވަރު ކުޅުދުއްފުށީގައި އިތުރުވެފައިވާތީ އެކަމަށް ޓާސްކް ފޯސްއެއްވެސް ވަނީ އެކުލަވާލާފަ އެވެ. ޓާސްކް ފޯސް އިން ރައްޔިތުންނަށް މައުލޫމާތު ދެއްމުން ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް ކުޅުދުއްފުށިން ޑެންގީހުން ޖެހިގެން 200އަށް ވުރެ ގިނަ މީހުން ރިޕޯޓްކޮށްފައިވާއިރު ޑެންގީހުން ޖެހިގެން މިރަށުން އެކަކު މަރުވެފައިވާ ކަމަށެވެ.
ޑެންގީ ޓާސްކް ފޯސްގެ ފަރާތުން މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ޑެންގީހުން ކޮންޓްރޯލްކުރެވިފައިނުވާ ކަމަށާއި އަދިވެސް އަލުވިކަމާއެކު ހުން ފެތުރެމުންދާ ކަމަށެވެ. މަދިރި ނައްތާލުމަށް ކުރަމުންދާ މަސައްކަތް ވިއްސާރަވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވީނަމަވެސް ޑެންގީހުމާއި މަދިރިން ރައްކާތެރިވުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކަމުގެ މެސެޖްތައް އަޑުގަދަކުރާއިރު ރަށުތެރޭގައި ދެމުންގެންދާނެ ކަމަށެވެ.
ޑެންގީހުން ފެތުރެމުންދާތީ މިދިޔަ އެފްރީލްމަހުގެ ފަހުކޮޅު ޓާސްކް ފޯސްއިން ވަނީ މަދިރި ނައްތާލުމަށް ތަފާތުއެކި ހަރަކާތްތައް ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން ރަށުގައި މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ނައްޓާލައި އެފަދަ ތަންތަނަށް ކެމިކަލް އަޅާފަ އެވެ. އަދި ތިން ދުވަސް ވަންދެން ރަށުގެ ފޮގްކޮށްފައިވެސް ވެ އެވެ.
ވޭތުވެދިޔަ އެއްވެސް އަހަރުތަކުގައި ނުދާހާ ނުރައްކާ ސްޓޭޖަކަށް ޑެންގީހުން، ކުޅުދުއްފުށީގައި އިތުރުވެފައިވާކަމަށާއި އެކަމަށް ހުރިހާ ރައްޔިތުން ސަމާލުވެ ތިބުމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް މީގެ ކުރިންވެސް ވަނީ އެދިވަޑައިގަންނަވާފަ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މެއި-ޖޫންގައި އެންމެ ގިނައިން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ ހދ އަތޮޅުންނެވެ. މެއިމަހު 70 ކޭސް ރިޕޯޓްކުރިއިރު ޖޫންމަހުގެ 11 ގައި ނިޔަލަށް 31 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކުރި އެވެ.