ގަވާއިދާ ހިލާފު ވެގެން ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 79 އުޅަނދެއް މިއަދު ނައްތާލައިފި އެވެ. ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަދި ހެޑް އޮފް ޓްރެފިކް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ އުޅަނދުތައް ނައްތާލަނީ 60 ދުވަހުގެ މުއްދަތެއް ދިނުމުން ވެސް އެއާ ހަވާލުވާނެ ބަޔަކު ނުވުމުން ކަމަށެވެ.
މީޑިއާއަށް މައުލޫމާތު ދެމުން ހުސެއިން ސަމީރު ވިދާޅުވީ މިއަދު ނައްތާލީ 64 ސައިކަލާއި ހަތަރު ފުރޮޅުލީ 10 އުޅަނދާއި ފަސް ބައިސިކަލެވެ. އަދި އޭގެ ތެރޭގައި ގިނައީ ޕާކިން ޒޯނުތަކުގައި ބަހައްޓާފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އުޅަނދުތައް ކަމަށެވެ.
ހަތަރު ފުރޮޅުލީ 30 އުޅަނދާއި 200 ސައިކަލް ޓްރެފިކް ޕޮލިހުން އާންމުކޮށް ކޮންމެ މަހަކު ޓޯކުރާ ކަމަށެވެ. އެކަމަކު، އޭގެ ތެރެއިން 95 ޕަސެންޓަށް ވުރެ ގިނަ އުޅަނދު އަނބުރާ ގެންދާ ކަމަށް ސަމީރު ވިދާޅުވި އެވެ.
އުޅަނދުތައް ނައްތާލުމުގެ ބާރު ފުލުހުންނަށް ގާނޫނުން ލިބިދީފައި ވަނީ، އެތަކެތި ޓޯކުރިތާ 60 ދުވަސް ފަހުން ނެވެ. އެކަމަކު، އެ މުއްދަތަށް ވުރެ ގިނަ ދުވަސް ވެފައިވާ އުޅަނދުތައް ވެސް ބައެއް ފަހަރު ނައްތަނުލާ ކަމަށާއި އެތަކެތި ނައްތާލުމުގެ ކުރިން، އެއާ ހަވާލުވާން މީހަކު ދާ ނަމަ އަނބުރާ ދޭ ކަމަށް ސަމީރު ވިދާޅުވި އެވެ.
އެ އުޅަނދުތައް އަނބުރާ ހަވާލުކުރާނީ ގަވާއިދާ ހިލާފަށް ޕާކުކުރުމުން، ޓޯ ކުރަން ނަގާ ޖޫރިމަނާ ސަރުކާރަށް ދެއްކުމުންނެވެ. ފުރަތަމަ ފަހަރަށް އުޅަނދެއް ޓޯކުރާ ނަމަ ޖޫރިމަނާ ކުރާނީ 250ރ. އިންނެވެ. ނަމަވެސް އެ ކަން ތަކުރާރު ވާ ނަމަ، ޖޫރިމަނާ އިތުރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދެ އެވެ.