އަމީރު އަމީން ސްކޫލުގެ އަހަރީދުވަސް ފާހަގަކުރުމަށް 600 ވުރެ ގިނަ ބައިވެރިން ނިކުމެ ހިނގާލައިފި އެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި، ރާއްޖޭގައި ތައުލީމު ފުޅާކުރުމުގެ ގޮތުން އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ހުޅުވި 3 ސްކޫލުގެ ތެރެއިން 2 ވަނައަށް ހުޅުވުނު ސްކޫލަކީ ހދ ކުޅުދުއްފުށީގައި ހުންނަ އަމީރު އަމީން ސްކޫލެވެ. އޭރުގެ ނަމުންނަމަ މަދަރުސަތުލް އަމީރު އަމީނެވެ.
66 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ވަނީ ހާއްސަ ހިނގާލުމެއް ކުރިއަށްގެންގޮސްފަ އެވެ. ބައެއް ބޮޑެތި މަގުތަކުގައި ކުރިއަށްގެންދިޔަ މި ހިނގާލުމުގައި އިސްދަރިވަރުންނާއި މިހާރުގެ ދަރިވަރުންވެސް ބައިވެރިވި އެވެ. ސްކޫލުން މައުލޫމާތުދޭ ގޮތުގައި 600 އަށްވުރެ ގިނަ ބައިވެރިން މި ހިނގާލުމުގައި ބައިވެރިވި އެވެ.
މިހާރު ޕްރީ ސްކޫލެއްގައި ގޮތުގައި ހިންގަމުންދާ މި ސްކޫލުގެ ހިނގާލުން ފައްޓަވައިދެއްވީ އެ ސްކޫލުގެ ހިންގުމާ ހަވާލުވެހުންނެވި ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރ އައިޝަތު މުހައްމަދެވެ. މި ހަރަކާތުގެ ތެރެއިން ވަނީ ސްކޫލްގެ ލޯގޯ ފަރުމާކޮށްދެއްވި އަފީފުއްދީން ސްކޫލްގެ ލީޑިންގ ޓީޗަރ އަހުމަދު މޫސާއަށް ވަނީ އަގުވަޒަން ކުރުމުގެ ގޮތުން ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
އަދި ޕީޓީއޭ ފަންޑް ރައިޒިން އިވެންޓްގައި ސްކޫލަށް އެންމެ ގިނަ ފައިސާ ހޯދައި ދިން ސެޝަންގެ މެމްބަރުންނަށް ހަނދާނީ ލިޔުންވެސް ހަވާލުކޮށްފައިވެ އެވެ. 1953 ވަނަ އަހަރުގެ ޖޫން ހަތަރެއްގައި އުފެދުނު ސްކޫލެއް ނަމަވެސް ރަޖިސްޓްރީކުރެވިފައިވަނީ 1960 ވަނަ އަހަރުގެ މާރޗުމަހުގެ 29 ވަނަ ދުވަހު އެވެ.
މި ހިނގާލުމުގައި ކައުންސިލްގެ ރައީސް އާއި ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުން ވަނީ ބައިވެރިވެލައްވަފާފަ އެވެ. ކައުންސިލުން ހިންގަމުންދާ މި ސްކޫލުގައި މިހާރު ކިޔަވައިދެނީ ނާސަރީ އާއި ބޭބީ ނާސަރީއަށެވެ.
އަމީރު އަމީން ސްކޫލް ޒަމާނީ ޕްރީ ސްކޫލް ތައުލީމު ދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެހިގެންދިޔައީ 1998 ވަނަ އަހަރު އެވެ.2016 ވަނަ އަހަރު އެސްކޫލް ހިންގަމުންދިޔަ އިމާރާތް ވަނީ ކުރީ އިރުމަތި އަވަށު ޕްރީ ސްކޫލް ހިންގަމުން ދިޔަ އިމާރާތްތަށް ބަދަލުކޮށްފަ އެވެ.
މިސްކޫލުގެ ބާނީ އަލްމަރުހޫމް މުހައްމަދު އަމީނު ދޮށިމޭނާކިލެގެ އަވަހާރަކޮށްލީ ރައީސް ކަމުގައި ހުންނަވަނިކޮށް ހިނގި ހަމަނުޖެހުންތަކެއްގައި 1953 ވަނަ އަހަރުގައެވެ.