ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް" މިއަދު ފަށައިފި އެވެ.
ރާއްޖެއަކީ ބައިނަލްއަގްވާމީ މުޖްމަތަމައަށް ހުޅުވާލެވިފައިވާ ގައުމެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެކި ގައުމުތަކާއި ބައިނަލްއަގްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށާއި އިގްތިސޯދީ އަދި އިޖްމާއީ އެކި ދާއިރާތަކުން ބައިނަލްއަގްވާމީ ބައިވެރިންގެ އެހީތެރިކަން ފޯރަމް ތެރެއިން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނެ އެވެ.
ދެ ދުވަހަށް ކުރިއަށް ދާ މި ފޯރަމް މިއަދު ކުރުނބާ މޯލްޑިވްސް ފަށާފައިވާއިރު ފޯރަމް، ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދާނެ އެވެ. އެގޮތުން މާލީ އަދި އިގްތިސޯދީ ދާއިރާ، ނޫ އިގްތިސޯދު، އިޖްތިމާއީ ދާއިރާ، އިދާރާތައް ހަރުދަނާކުރުން، ޕްރައިވެޓް ސެކްޓާއާއި ގުޅިގެން ތަރައްގީކުރުމާއި ބެހޭގިތުން ޕެނަލް ޑިސްކަޝަން ބާއްވާނެއެވެ.
މި ފޯރަމްގައި ގިނަ ގައުމުތަކުންނާއި ބައިނަލް އަގްވާމީ ބޮޑެތި ޖަމިއްޔާތަކުން ބައިވެރިވާނެ އެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ އެޖެންޑާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޯރަމްގެ ތެރެއިން އެއްބަސްވުންތަކުގައި ސޮއިކުރާނެ އެވެ.