ޑިއުޓީ އުނިކޮފައިވާ ރާއްޖެއަށް އެތެރެކުރާ ޑީސަލް ގަތުމަށާއި ތެޔޮ ސަޕްލައިކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިކަން ކުރާ އުޅަނދުތަކުން ގަންނަ ތެލުން އިމްޕޯޓް ޑިއުޓީ ކަނޑާލެވޭ ގޮތަށް ސަރުކާރުން ގާނޫނަށް ހުށަހެޅި އިސްލާހު އޮތީ ފާސްކޮށްފަ އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުގައި އެ ޕްރޮގްރާމްގެ ދަށުން ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ މަސްވެރިކަން ކުރުމުގެ ލައިސަންސް އޮންނަ އުޅަނދުތަކަށެވެ.
އެކަމުގެ ލައިސަންސް ނެގުމަށް ފަހު އެޕްލިކޭޝަން ހުށަހެޅުމަށް އިއުލާނުގައިވެ އެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން އުޅަނދުތަކަށް ޑީސަލް ދޫކުރުމުގައި ބައިވެރިވާން ބޭނުންވާ ސަޕްލަޔަރުން ވެސް އެކަމަށް އެދޭ ފޯމް މިނިސްޓްރީ އަށް ހުށައެޅުމަށް އެ އިއުލާނުގައި ވަނީ އެދިފަ އެވެ.
އިއުލާނުގައިވާ ގޮތުން އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ފޯން އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެޕްލިކޭޝަން ޓެސްޓް ކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ކުރާނެ އެވެ. އެ އެޕްލިކޭޝަން ޓެސްޓް ކުރުމަށް ފަހު އެ ޕްރޮގްރާމްގެ ދަށުން ޑީސަލް ދޫކުރަން އާންމުކޮށް ހުޅުވާލާނެ ކަމަށް ވެސް އެވެ.