twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވާރޭވެހޭ ވަގުތުގައި ނަރުދަމާ ނިޒާމުން މިނެޓަކު 8 ޓަނު ވާރޭފެން ރަށުން ބޭރުކުރޭ

އަބްދުލް ވާހިދު ޙަސަން
Jun 21, 2019
1

ވާރޭވެހޭ ވަގުތަކުގައި ނަރުދަމާ ނިޒާމުންގެ ތެރެއިން މިނެޓަކު 8 ޓަނު ފެން ރަށުން ބޭރަށް ޕަމްޕުކުރާކަމަށް އެމްޑަބުލިއުއެސީ ކުޅުދުއްފުށީ ސައިޓް އޮޕަރޭޝަން އޮފިސަރު އަލީ ޒާހިރު ހުސެއިން ވިދާޅުވެއްޖެ އެވެ.

ޒާހިރު މިހެން ވިދާޅުވީ، ބުދަ ދުވަހު ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ އިސް ބޭފުޅުންނާއެކު ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ޑިޒާސްޓާ މެނޭޖްމެންޓްގެ ސީއީއޯ ހިސާން ހަސަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކުޅުދުއްފުށީގައި އެންމެ ފަހުން ވާރޭވެހި ފެންބޮޑުވި ހާދިސާއަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އެ ފަހަރު ބައެއް ގެތަކުގެ ފާހާނާތަކުން ނަޖިސް އެރީ ނަރުދަމާ ސިސްޓަމް ފެއިލްވެގެންނޫން ކަމަށާއި އެކަން އެހެން މެދުވެރީ ނަރުދަމާ ނިޒާމުގެ ތެރެއަށް ކޮންޓޯލްނުވާ ވަރަށް ފެން އެޅިގެން ކަމަށެވެ.

ގިނަ ގޭބިސީތަކުގެ ދިޔަދޮވި ހޮޅިކޮޅު ގުޅާފައި ހުންނަނީ ނަރުދަމާ ނިޒާމުގެ ތެރެއަށް ކަމަށާއި އެއީ އެކަން އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއް ނޫން ކަމަށެވެ. އެހެން ހެދުމުން ނަރުދަނާ ނިޒާމު ކޮންޓްރޯލުނުކުރެވި، މުޅި ސިސްޓަމް ފެއިލްވެ ހިތާމަވެރި ހާދިސާއެއް ހިނގުން ވަރަށް ގާތްކަމަށް އޭނާ އިންޒާރު ކުރެއްވި އެވެ.

ދިޔަދޮޅި ހޮޅިކޮޅު ނަރުދަމާއަށް ގުޅާފައިހުންނަނީ މަގު މައްޗަށް ދިޔަދޮވި ހޮޅި ދޫކޮށްލުމަކީ ކައުންސިލުން މަނާކޮށްފައިވާކަމަށްވާތީ ގޭގައި ފެން ހިނދޭނެ އެހެން ގޮތެއް ނެތިގެންނެވެ.

"ނަރުދަމާ ސިސްޓަމް ތެރެއަށް ކޮންޓްރޯލް ނުވާވަރަށް ފެންވަނަނީ. ވަރަށް ގިނަ އަދަދަކަށް ދިޔަދޮވި ހޮޅިކޮޅު އެބަހުރި ގުޅާފަ ނަރުދަމާއަށް. ކޮންޓްރޯލް ނުވާވަރަށް ނަރުދަމާއަށް ފެން އައިސްގެން ގޭގެއިން މަތިން(ނަޖިސް) އަރަނީ." ޒާހިރު ވިދާޅުވި އެވެ.

ވާރޭވެހިގެން ބޮޑުވާ ފެންގަނޑު ހިންދާލުމަށް އެއްވެސް ވަރަކަށް ނަރުދަމާ ސިސްޓަމް ބޭނުންކުރޭ ތޯ ޑިޒާސްޓާގެ ސީއީއޯ ހިސާން ސުވާލުކުރެއްވުމުން ޒާހިރު ވިދާޅުވީ ވާރޭވެހޭ ވަގުތުން ފެށިގެން ނަރުދަމާ ނިޒާމުގެ ތެރެއިން މިނެޓަކު 8 ޓަނު ވާރޭފެން ޕަމްޕު ސްޓޭޝަނުތަކުން ރަށުން ބޭރުކުރާ ކަމަށެވެ. ވާރޭވެހޭ ވަގުތުތަކުގައި މުޅި ނަރުދަމާ ސިސްޓަމުން އަންނާނީ ވާރޭފެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވާރެވެހެން ފަށާއިރުންސުރެއް 11 ޕަމްޕަމް ސްޓޭޝަނުން 22 ޕަމްޕުން އެބަ ފެން ހިންކާ، ހަމައެކަނި ވާރެފެން. ގާތްގަނޑަށް މިނެޓަކު 8 ޓަނުފެން ޕަމްޕުކުރަމުންދާނެ ރަށުން ބޭރަށް. އަޅުގަނޑުމެންގެ ޓީމުން މެދުނުކެނޑި އެ ޕަމްޕުތައް ހިނގާތޯ އެއްވެސް އެއްޗެއްގައި މައްސަލަ ޖެހިފައިވޭ ތޯ ބަލަމުންދާނެ." ކުޅުދުއްފުށީ އެމްޑަބުލިއުއެސީ ސައިޓާ ހަވާލުވެހުންނެވި ޒާހިރު ވިދާޅުވި އެވެ.

ދިޔަދޮވި ކޮޅު ހޮޅިއަށް ގުޅާފައިހުރުމަކީ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވަމުން ޒާހިރު ވިދާޅުވީ ފެންހިނދުމަށް ނަރުދަމާ ނިޒާމު ބޭނުންކުރުމަކީ އެއްވެސް ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ދިމާވާނެ މައްސަލަތަކުގެ މައްޗަށްވެސް އަލިއަޅުވާލައި އޭނާ ވަނީ ވާހަކަދައްކަވާފަ އެވެ.

"ކޮންޓްރޯލްނުވީމަ ދެން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯނާނެ. ނަރުދަމާގެ އެއްވެސް މައްސަލައެއް ނެތް. ނަރުދަމާ ނިޒާމުގެ ތެރެއިން ފެންހިންދަން ވެއްޖެނަމަ އެކަމެއް ނުވާނެޔޭ. ކޮންމެވެސް ވަރަށްކަށް މެއިން ހޯލްތަކުންވެސް ލީކްކުރާނެ. އެހެންވިޔަސް ވާރޭހުއްޓާލާއިރަށް މަޑުމަޑުން ޕަމްޕް ސްޓޭޝަނުން އެބައި ހިނދިގެން އެ ދަނީ." ޒާހިރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355