މަކުނޫދޫ ސްކޫލްގެ ގޯލްޑެން ޖުބްލީފާހަގަ ކުރުމަށް މުޅި ސްކޫލް ފެހިކުލައިން ދިއްލާލައިފި އެވެ.
މަކުނުދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ލުތުފީ ކޭއޯއަށް ގޯލްޑެން ޖުބްލީ ފާހަގަ ކުރުމަށް ކުރިއަށް އޮތް އެއް ހަފްތާއަށް ސްކޫލް ފެހި ކުލައިން ދިއްލާނެ ކަމަށެވެ. އަދި މިދުވަސް ފަހަގަ ކުރުމަށް މިއަދު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ރޭ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު މިއަދު ހެނދުނު ހާއްސަ އެސެންބްލީއެއް ވަނީ ބޭއްވިފަ އެވެ. އަދި މީގޭއިތުރުން ކޭކު ފެޅުންވެސް ވަނީ ބާއްވާފަ އެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނަންގަވާ ދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ރަޝީދު އަދި އެންއައި ގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިޝަރ އަހުމަދު ހަލީމެވެ.
މިއަދު ހަވީރު މާލޭގައި އަދި މަކުނުދޫގައި އަހަރީ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ދުވުމެއް ބޭއްވޭނެ ކަމަށާއި މާލޭގައި ބާއްވާ ދުވުމުގައި މަޖިލީސް މެންބަރުންނާއި، އެކި މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ. އަދި މަކުނުދޫގައި ބާއްވާ ދުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މަކުނުދޫ ސްކޫލްގެ ގޯލްޑެން ޖުބްލީ ފާހަގަ ކުރުމަށް މި އަހަރު ފެށުމާއިއެކު އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން ހިފްސު ކުލާސްތަކާއި ޙަތިމްކުރުމުގެ ޕްރޮގުރާމެއް ވަނީ ފަށާފައެވެ. މީގެ އިތުރުން އީދު ދުވަހު ވަނީ އިސްދަރިވަރުންގެ ހާއްސަ ފުޓް ބޯޅަ މުބާރާތެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. ފުޓްބޯޅަ މުބާރާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އި ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބުދުﷲ ބައިވެރިވެ ވަޑައިގެންނެވި އެވެ.
ލުތުފީ ވިދާޅުވީ އަންނަ އަހަރުގެ ޖޫން 23 ހަމައަށް ގޯލްޑެން ޖުބްލީ ފާހަގަކުރުމަށް އެސްކޫލުން އެކި ހަރަކާތްތައް ރޭވިފައިވާކަމަށެވެ. އެގޮތުނ ޑައިމަންޑް ޖުބްލީގައި ނެގުމަށް ކެޕްސޫލް ވަޅުލުންވެސް ހިމެނެއެވެ.