• އާސަންދަ ހިދުމަތް ކަނޑާލީ ވަގުތީގޮތުން
ކުޅުދުއްފުށީ އަސްރަފީ ބޭސްފިހާރައިން އާސަންދަ މެދުވެރިކޮށް ދެމުންދިޔަ ހިދުމަތުގައި ދިމާވި މައްސަލައަކާ ގުޅިގެން އެހިދުމަތް މެދުކެނޑިފައިއޮތް އޮތުން ހައްލުކޮށް ކުރިއަށް އޮތް ދެހަފްތާ ތެރޭގައި އެތަނުން އެހިދުމަތް ލިބިގެންދާނެކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
ކުޅުދުއްފުއްޓަކީ ދުވާލަކު އެތައްސަތޭކަ ބަޔަކު ސިއްހީ ހިދުމަތް ހޯދުމަންދާ ރަށެކެވެ. އާސަންދަ މެދުވެރިކޮށް ބޭސް ދޫކުރަމުންދާ އަސްރަފީ ކެމިސްޓުން ނިމިދިޔަ ރަމަޟާން މަހުގެ ފަހުކޮޅުން ފެށިގެން މިއަދާ ހަމައަށްވެސް އާސަންދަ ހިދުމަތް ނުލިބޭތީ ގިނަބައެއް ފާޑުކިއުން ދަނީ އާސަންދަ ކުންފުންޏަށް އަމާޒު ކުރަމުންނެވެ.
އާސަންދަ ކުންފުނީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ އަސްރަފީ ބޭސްފިހާރާއިން ހިދުމަތް ދިނުމުގެ މައްސަލަތަކެއް ފާހަގަ ކުރެވިފައި ހުރުމުން އެމައްސަލަތައް ބަލަން ވެގެން ވަގުތީ ގޮތުން އާސަންދައިގެ ހިދުމަތް މެދު ކަނޑާލާފައިވާ ކަމަށެވެ.
"އެތަން ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކުރެވިފައި. ވަރަށް އަވަހަށް މައްސަލަ ނިންމަވާނެ އިނގޭތޯ. މިކޮޅުންވެސް ގޮތްތަކެއް ކަނޑައަޅާ ވަރަށް އަވަހަށް އާސަންދަ ހިދުމަތް ލިބިގެންދާނެ" މީޑިޔާ އޮފިޝަލް ވިދާޅުވީއެވެ.
އާސަންދައިން ބުނީ އެއީ ބަލަމުންދާ މައްސަލައަކަށްވާތީ އެމައްސަލައާ ބެހޭގޮތުން ވާހަކަ ނުދެއްކޭނެކަމަށާއި އެ މައްސަލަ މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއް ނޫނީ ދެހަފްތާ ތެރޭގައި އާސަންދަ ހިދުމަތް އަސްރަފީ ކެމިސްޓުން ލިބިގެންދާނެ އެވެ.
ކުޅުދުއްފުއްޓަކީ އެތައް ސަތޭކަ ބަޔަކު ކޮންމެދުވަހަކު ސިއްހީ ހިދުމަތް ހޯދަމުންދާ ރަށެކެވެ. އަދި އާސަންދަ ހިދުމަތްދޭ ހުންނަނީ އެސްޓީއޯ ބޭސްފިހާރައެއްގެ އިތުރުން އަސްރަފީ ކެމިސްޓާއި މާޒީ ކެމިސްޓާއެކު ތިން ބޭސްފިހާރައެކެވެ.
ނަން ހާމަކުރަން ބޭނުން ނުވާ ބައެއް ރައްޔިތުން ވަނީ އާސަންދަ ހިދުމަތް ލިބުމުގައި ދަތިވާތީ ކޭއޯ އާ ވާހަކަ ދައްކާފައެވެ.
"ގިނަ ފަހަރަށް ބޭސް ސިޓީއަށް ބޭހެއް ހަމައެއް ނުވޭ އެއްތަނަކުން. ބޭސް ސިޓީއަށް ބޭސް މިހަމަކުރެވެނީ ދެބޭސް ފިހާރައިން ނޫނީ ތިންބޭސް ފިހާރައިން ދުވެގެން. އަސްރަފީ ބޭސްފިހާރަ އަށްދާއިރަށް މިބުނަނީ އާސަންދަ ހިދުމަތެއް ނުލިބެޔޭ. ދެން މިޖެހެނީ އެބޭސް އެތަނުން ގަންނަން" މައުލޫމާތު ދެމުން ރައްޔިތަކު ބުންޏެވެ.
އިތުރަށް އެމީހާ ބުނީ ހިދުމަތްދޭ ތަންތަނުން މައްސަލަތައްވެސް ދިމާވާނެކަމަށާއި އެހެންނަމަވެސް ދިމާވާ މައްސަލަ ހައްލުކުރުމަށް ފަހު އެހިދުމަތް އަވަހަށް ރައްޔިތުންނަށް ދެވެން ޖެހޭނެކަމަށާއި އެހިދުމަތް މެދުކެނޑިގެން ގިނަދުވަސްތަކެއް ވެގެން ދިއުމަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ ކަންކަމެއް ނޫންކަމަށެވެ.
"ކުޅުދުއްފުށީ އަސްރަފީ ކެމިސްޓުން ނިމިދިޔަ ރަމަޟާން މަހުން ފެށިގެން އާސަންދައިގެ ހިދުމަތެއް ނުލިބޭ. ދިމާވެފައިވާ މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދެވޭހާ ދުވަހެއް އާސަންދައަކަށް އަދިވެސް ނުވޭތޯ." އެމީހާ ހިތްހަމަނުޖެހި ހުރެ ބުންޏެވެ.
މިކަމާ ގުޅިގެން އަސްރަފީ ކެމިސްޓްގެ ބަހެއް އަދި ވަނީ މިނޫހަށް ލިބޭގޮތް ނުވެފައެވެ.