ޕުލޭނިން މިނިސްޓްރީގެ ހާއްސަ ހުއްދައެއް ނަގައިގެން ނޫނީ އިމާރާތް ކުރުމަށް ބޭނުން ކުރާ ބައެއް ކޮންސްޓްރަކްޝަން މެޓީރިއަލްގެ ބާވަތައް އެތެރެކުރުން މަނާކޮށްފިއެވެ.
ޕުލޭނިން މިނިސްޓްރީން ހާމަކުރިގޮތުގައި މި ގޮތަށް އަމަލުކުރަން ހަމަޖެހުނީ އިމާރާތް ކުރަން ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދާއި އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި ތަކެތި ޓެސްޓް ކުރާ ފަރާތްތަކުގެ ގަވާއިދަށް އަމަލުކުރަން ފެށުމާއި ގުޅިގެން ކަމަށެވެ.
މި ދެ ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު ޕްލޭނިން މިނިސްޓްރީގެ ހުއްދައާ ނުލައި އެތެރެ ކުރުން މަނާކުރި ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ސިމެންތި އާއި ކޮންކްރީޓަށް ބޭނުން ކުރާ ހުރިހާ ގްރޭޑެއްގެ ހިލައިގެ އިތުރުން ކޮންކްރީޓް ކުރުމަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ވެއްޔާއި އިމާރާތް ކުރަން އެތެރެކުރާ ސްޓްރަކްޗަރަލް ދަގަނޑާއި ރެޑީ މިކްސްޑް ހުރިހާ ގްރޭޑެއްގެ ކޮންކްރީޓުގެ އިތުރުން ރެޑީ މޭޑް ހުރިހާ ބާވަތެއްގެ ގަލެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި މި ބާވަތްތައް ހުއްދަނެތި އެތެރެ ކުރަން އުޅޭނަމަ ކަސްޓަމުން ހުއްޓުވާނެ ކަމަށާ މި ގަވާއިދާ ގުޅޭ ގޮތުން އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތެރިވާ ކުންފުނިތަކަށް މި މަހު 18 ވަނަ ދުވަހު އީމެއިލްގެ ޒަރިއްޔާ އިން މައުލޫމާތު ދީފައިވާނެ ކަމަށެވެ.