ޒަމާނުންސުރެ ކުޅުދުއްފުށީގައި ހިންގަމުން އަންނަ އެންމެ ތިއާގިއެއް ބާޒާރުކަމަށްވާ ހޮނިހިރު ބަޒާރު ހުއްޓާލަން ކައުންސިލުން ނިންމާފައިވާއިރު ދެން އަންނަ ހޮނިހިރަކީ މި ބާޒާރުގެ ފަހު ދުވަހެވެ.
ކުޅުދުއްފުށީގައި 3 ވަނަ ފަހަރަށް ލޯކަލް މާރުކޭޓެއް މިދިޔަ މެހި މަހު ހުޅުވާފައިވާއިރު ހޮނިހިރު ބާޒާރު ހުއްޓާލުމަށް ކައުންސިލުން ނިންމީ އެ މާރުކޭޓުގެ އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ކަމަށް ކައުންސިލުން ބުނެއެވެ.
ކޭއޯ އަށް މައުލޫމާތު ދެމުން ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ ހޮނިހިރު ބަޒާރު ކައުންސިލުން ހުއްޓާލުމަށް ނިންމީ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދިނުމަށްފަހު މިވީ ދުވަސްތަކުގެ ތެރޭގައި މާރުކޭޓަށް އެކަށީގެންވާ ފައިދާއެއް ލިބިފައި ނުވާތީއާއި ގޮޅިތައް ކުންޔަށް ނެގި ފަރާތަކަށް ގެއްލުން ވަމުންދާތީ ކަމަށެވެ.
މާރުކޭޓެއް ހުޅުވުމުގެ މަގުސަދަކީ ދަނޑުވެރިންނަށް ކޮންމެ ދުވަހަކުވެސް ތަކެތި ވިއްކުމުގެ މަގުފަހިކޮށްދިނުން ކަމަށާއި އެހެންކަމުން ހަމައެކަނި ހޮނިހިރު ދުވަސްތަކުގައި ނޫނަސް ދަނޑުވެރިނަށް އެބޭފުޅުންގެ ތަކެތި މާރުކޭޓުގެ ގޮޅިތަށް މެދުވެރިކޮށް ވިއްކުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށްވެސް ލަތީފް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް އަބަދު އެންމެ ތާޒާކަންމަތީ ތަކެތި ގަތުމަށްވެސް މަގުފަހިވާނެކަން ލަތިފް ފާހަގަ ކުރެއްވި އެވެ.
އެގޮތުން 32 ގޮޅި ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި ދަނޑުވެރިންނާ ގުޅުވާލަދިނުމަށް އެކި ރަށްރަށުގެ ރަށު ކައުންސިލުތަކުގައި ގޮޅިތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.
ލޯކަލް މާރުކޭޓަކީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާތަނެއް ކަމަށާއި އެތަން އިތުރު ބަޔަކާއި ހަވާލުކޮށްގެން ހިންގަން ބޭނުން ނުވަނީ ދަނޑުވެރިންނަށް ދިމާވެދާނެ ދަތިތަކަށް ވިސްނާފަ ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.
މިއަދުވެސް ގިނަ އަދަދެއްގެ ދަނޑުވެރިން ކުޅުދުއްފުއްޓަށް އައިސްފައިވާއިރު ހޮނިހިރު ބާޒާރު ސަރަހައްދުން ބައެއް ދަނޑުވެރިންނާ ވާހަކަ ދައްކާލުމުން ވަނީ އެބޭފުޅުންގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެގޮތުން ޒަމާނުންސުރެ ކުޅުދުއްފުށިގައި ކުރަމުން އަންނަ ވިޔަފާރީއެއް ކުއްލިއަކަށް ހުއްޓާލަން ޖެހުމުން ދަނޑުވެރިންނަށް ތަކެތި ވިއްކުމުގައި އެކި ދަތިތައް ދިމާވާނެކަމަށް ބުނެފައިވެއެވެ. އަދި ބަޒާރުގައި ލިބޭ އަގުތަކަށްވުރެ މާރުކޭޓުގައި ތަކެތި ރައްޔިތުންނަށް ލިބޭނެ އަގުބޮޑުވާނެ ކަންވެސް ބައެއް ދަނޑުވެރިން ވަނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް ކައުންސިލުން ބުނީ މާރުކޭޓުގެ ސަބަބުން ދަނޑުވެރިންނަށް ހަފްތާގެ ހުރިހާ ދުވަހަކުވެސް ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވި މާކެޓުކުރުމަށްވެސް ފަސޭހަވެގެން ދާނެ ކަމަށެވެ.
އެގޮތުން ހޮނިހިރު ބާޒާރު ހުއްޓާލާފައިމިވަނީ މާރުކޭޓުގެ ގޮޅިތަށް ކުއްޔަށް ދޫކުރިތާ މަހެއްފަހުން ކަން ފާހަގަކޮށްލެވެ އެވެ. އަދި ކައުންސިލްގެ މި ނިންމުމަކީ ހާލަަތަށް ބަލާފައި ބަދަލުކުރާނެ ނިންމުމެއް ކަމަށް ލަތީފް ވިދާޅުވި އެވެ. ސަބަބަކީ މީގެ ކުރިންވެސް ކުޅުދުއްފުށީގައި ހުޅުވި 2 މާރުކޭޓަކީވެސް އެކަށީގެންވާ ގޮތުގައި ހިންގުނު ތަންތަން ކަމަށް ނުވާތީ އެވެ.