twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށިން ރާޅުގުޑިއަށް މަރުހަބާ ކީ ހާލުފޮޅިން!

ޚަދީޖާ އާދަމް
Jun 29, 2019

ރާއްޖޭގެ ދެކުނުން އުތުރަށް ރާޅުގުޑި ކުރާ ދަތުރުގައި މިއަދު ހަވީރު ކުޅުދުއްފުއްޓަށް އައުމުން ރާޅުގުޑިއަށް މަރުހަބާ ކީ ހާލުފޮޅިންނެވެ.

ހަތަރު އެތުލީޓުންނާ އެކު މިއަދު ހަވީރު ކުޅުދުއްފުއްޓަށް އައިސްފައިވަނީ ށ. ފުނަދޫއިން ނައްޓާލައިގެން ހދ ނޭކުރެންދޫގައި ޖެއްސުމަށްފަހު އެވެ. ކުޅުދުއްފުއްޓަށް ހަތަރު އެތުލީޓުންނަށް އާދެވުނީ ގާތްގަނޑަކަށް 5 ޖަހާއިރު އެވެ.

އެމީހުން ރަށަށް އެރީ ކުޅުދުއްފުށީ ކައިޓް ސާފަރުންނާއެކު މޫދުގައި ކައިޓުގެ ހަރަކާތްތައް ދައްކާލުމަށްފަހު އެވެ. އެމީހުންނަށް މަރުހަބާ ކިއުމަށް ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންނާ ރައްޔިތުން އެސަރަހައްދަށް ވަނީ ޖަމާވެފައި ވެއެވެ.

މި ހަރަކާތުގެ ތެރެއިން ބިލީފާއި ޕާލޭ ގުޅިގެން އެ ސަރަހައްދު ސާފުކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ހިންގާފަ އެވެ. މިއީ މިފަދަ ދަތުރެއްގައި، ދެ ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދި ކައިޓް އެރުވުންތެރިޔާ ޔޫރީ ޒޫން ކުޅުދުއްފުއްޓަށް އައި ދެވަނަ ފަހަރެވެ.

ކުޅުދުއްފުއްޓަކީ ރާޅުގުޑީގެ މިއަދު ފަހު މަންޒިލެވެ. ކުޅުދުއްފުށިން މިއަދުގެ ދަތުރު ނިންމާލާފައިވާއިރު މާދަމާ ރާޅުގުޑީގެ ފުރަތަމަ މަންޒިލު އުތީމަށް ދިއުމަށް ކުޅުދުއްފުށިން ނައްޓާލާނީ ހެނދުނު 8 ޖަހާއިރު އެވެ.

މި ދަތުރުގެ އެންމެ ފަހު މަންޒިލަކީ ހއ. ތުރާކުނެވެ. އެއީ ރާއްޖޭގެ އެންމެ އުތުރަށް އޮތް ރަށެވެ. އެ ރަށުގައި އައްޑޫ ސިޓީއިން ފެއްޓި ހަރަކާތުގެ ނިންމުމުގެ ހަފުލާ އޮންނާނެ އެވެ.

ރާއްޖޭގައި ކައިޓް ސާފިން މޫދު ކުޅިވަރެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއަށް ގެންދާ ރާޅުގުޑި އިވެންޓް ބާއްވަނީ ސްލޯޓޭޕް މާފުށި ޑައިވް އިންނެވެ.

މި އިވެންޓު ބޭއްވުމުގެ މައިގަނޑު އެއް ސަބަބަކީ ތިމާވެއްޓަށް ހޭލުންތެރި ކުރުވުމެވެ. ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު އެއް ބަޔަކީ ރާއްޖޭގެ ތިމާވެއްޓެވެ. ހާއްސަކޮށް ކަނޑުގެ ތިމާވެއްޓެވެ. އެހެންކަމުން ކަނޑުތައް ހަޑިވާން މެދުވެރިވާ ކުނީގެ މައްސަލައާމެދު މީހުންގެ ހޭލުންތެރި ކުރުވުމަކީ ވެސް މި އިވެންޓު ބޭއްވުމުގެ އެއް ސަބަބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355