ކުޅުދުއްފުށީ ހީލިން ކެއަރ މެޑިކަލް ސެންޓަރުން ޖުލައި މަހު ދެވަނަ ދުވަހުން ފެށިގެން އާސަންދައިގެ ހިދުމަތް ލިބިގެންދާނެކަމަށް އެ ސެންޓަރުން ބުނެފިއެވެ.
ކޭއޯއަށް ވާހަކަ ދައްކަވަމުން ކުޅުދުއްފުށި ހީލިންކެއަރ މެޑިކަލް ސެންޓަރުގެ މަސްއޫލުވެރިޔާ އަހްމަދު ރިސާމް ވިދާޅުވީ އަމިއްލަ ތަންތަނަށް އާސަންދައިން ހިދުމަތް ދިނުމަށް ކަނޑައަޅާފައި އޮންނަ އުސޫލުން އެ ސެންޓަރުން ރައްޔިތުންނަށް އާސަންދައިގެ ހިދުމަތް ލިބިގެންދާނެކަމަށެވެ.
"އެމީހުން ހުންނަނީ އަމިއްލަ ތަންތަނުން ހިދުމަތް ދިނުމަށް ވަކި އުސޫލެއް ކަނޑައަޅާފަ. ވަކި ހިދުމަތްތަކަކަށް ވަކިއަގުތަކެއް ކަނޑައަޅާފައި. އެއުސޫލުގެ ދަށުން ކުލިނިކުން އަޅުގަނޑުމެން ޑޮކްޓަރަށް ދެއްކުމަށް އާސަންދަ ހިދުމަތް ލިބިގެންދާނެ." ރިސާމް ދިވާޅުވި އެވެ.
އޭނާ ބުނީ ޑޮކްޓަރަށް ދެއްކުމުގެ އަގަކީ ތިންސަތޭކަ ރުފިޔާނަމަ އާސަންދައިން ސަތޭކަ ރުފިޔާ ކަވަރު ވާނެކަމަށެވެ. އަދި އެ ސެންޓަރުން ޑޮކްޓަރަށް ދެއްކުމަށްފަހު ދެއްވާ ބޭސް ސިޓީއަށް އާސަންދަ ހިދުމަތް ލިބޭ ކޮންމެ ބޭސްފިހާރައަކުން ވެސް ބޭސް ލިބިގެންދާނެކަމަށެވެ.
މިހާރު ހީލިންކެއަރ ސެންޓަރުން ދެމުންގެންދާ ދަތުގެ ފަރުވާތަކުންވެސް ދަތްއުފުރުމާއި ރޫޓްކެނަލް އަދި ފުޓުނި އެޅުންފަދަ ފަރުވާ ތަކަށް އޮންނަ އުސޫލުގެ ތެރެއިން އާސަންދަ ލިބިގެންދާނެކަމަށާއި ނަމަވެސް ދަތް ސާފުކުރުމަށް އާސަންދަ ކަވަރު ނުކުރާނެކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ އާސަންދަ ހިދުމަތް ފެށުމާއެކު ކުރިއަށްއޮތްތަނުގައި ހީލިންކެއާރ ސެންޓަރުން މަހަކު އެއްފަހަރު ސްޕެޝަލިސްޓް ޑޮކްޓަރުން ހިދުމަތް ދިނުމަށްޓަކައި ޑޮކްޓަރުންނާ ވާހަކަ ދައްކަމުންދާކަމަށެވެ.
އާސަންދަ ކުންފުނީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޖުލައި ދެއަކުން ފެށިގެން ކުޅުދުއްފުށި ހީލިންކެއާރ މެޑިކަލް ސެންޓަރުން އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ލިބޭނެކަމަށެވެ.