ކުޅުދުއްފުށީ ހޮނިހިރު ބާޒާރު މަނާކުރަން ކުރި އިއުލާން ބާތިލްކޮށް ކުރިއެކޭވެސް އެއްގޮތަށް އެ ބާޒާރު ކުރިއަށްދާނެކަމަށް ކައުންސިލް އިދާރާ ހާމަކޮށްފި އެވެ.
ކައުންސިލް އިދާރާ މިގޮތަށް ހާމަކުރައްވާފައިމިވަނީ ލޯކަލް މާރުކޭޓް ހުޅުވުމުން އެތަނުގެ ވިޔަފާރިއަށް ދަތިވަމުންދާތީ ހޮނިހިރު ބާޒާރުގައި ތަކެތި ވިއްކުން މަނާކުރުމުން ގިނަ ބައެއްގެ ފާޑިކިޔުން ކައުންސިލުން ރައްދުވަމުންދާ ދަނޑިވަޅެއްގައި އެވެ.
ކުރިއެކޭވެސް އެއްގޮތަށް ހޮނިހިރު ބާޒާރު ބާއްވާ ނިންމާފައިމިވަނީ ކައުންސިލްގެ ފަސް މެމްބަރުންގެ ވޯޓުން ފާސްވެގެންނެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން ވިދާޅުވީ ކައުންސިލް މަސައްކަތްކުރީ ސަރުކާރުން ދަނޑުވެރިންނަށް އަޅައިދިން މާރުކޭޓްގެ ހިދުމަތް އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މާރުކޭޓާއި ހޮނިހިރު ބާޒާރާއެކިގައި ކުރިއަށްގެންދަން ކައުންސިލުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުނުވުމުން ހޮނިހިރު ބާޒާރު މަނާކުރުމުންވެސް ގިނަ ބައެއްގެ ކަންބޮޑުވުންފާޅުކޮށްފައިވާ ކަމަށެވެ.
އެހެންވެ ކައުންސިލުގެ ނިންމުން ބަދަލުކޮށް ހޮނިހިރު ބާޒާރު ކުރިއަށްގެންދަން ނިންމީ ކަމަށާއި އެކަމުގެ އަސަރު ދެން ފެނިގެންދާނީ މާރުކޭޓް ގޮޅިތައް ނަގައިގެން އުޅޭ ފަރާތްތަކަށް ކަމަށެވެ. މާރުކޭޓްގެ ގޮޅިތައް ފިޔަފާރި ދަށްވުމުން ދޫކޮށްލާނެ ކަމަށެވެ. އޭރުން ކުރީގެ މާރުކޭޓްތަކަށްވި ގޮތަށް ވުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށް ލަތީފް ވިދާޅުވި އެވެ. ކުރިންވެސް ކުޅުދުއްފުށީގައި ދަނޑުވެރިންނަށް ދެ މާރުކޭޓެއް ހެދި އެވެ.ނަމަވެސް މިމައްސަލަ ދިމާވެގެން އެތަންތަނުގައި ތަކެތި ވިއްކޭގޮތް ނުވެ އެންމެ ފަހުން ގުދަން ހިންގުމަށް ދޫކޮށްލަނީ އެވެ.
ރަށުގެ ރައްޔިތުންނަށް ހިޔަލުގައި ތިބެގެން ލޯކަލް ތަކެތި ވިއްކުމަށްޓަކައި ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން އިމާރާތެއް އަޅައި އެތަނުގެ ގޮޅިތަށް އާންމުންނަށް ހުޅުވާލައިގެން ވިޔަފާރި ކުރުމަށް ދޫކުރެވިފައިވާތީ ވަނި އިމާރާތުގެ ދެކުނުން އޮންނަ ހުސް ބިމުގައި ތަކެތި ވިއްކުމަކީ މަނާކަމެއް ކަމަށް އިއުލާން ކުރެވިފައިވީނަމަވެސް ކައިރި ރައްތަކުގައި ދިރިއުޅޭ ދަނޑުވެރިންނާއި ހދ. އަތޮޅު ކައުންސިލްއާއި ސަރުކާރުގެ އިސްބޭފުޅުން އަދި މަޖިލިސް މެމްބަރުން ގުޅުއްވާ އެކަން އެގޮތަށް ނުކުރުމަށް އެދިލައްވާފައިވާކަމަށާއި އެފަރާތްތަކުގެ އެދުމުގެ މަތިން މަނާކޮށްފައި އޮތް އޮތުން އަބުރާ ނެންގެވީކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.