މާލެ ސަރަހައްދުގެ ޕްރިންސިޕަލުންނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޕްރިންސިޕަލުންނަށް އިތުރު އިނާޔަތްތައް ހަމަޖައްސައި ދިނުމަށާއި މުސާރައަށް ހެޔޮ ބަދަލެއް ގެނެސް ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމަށް ހުށައަޅައިފި އެވެ.
މީގެ އިތުރުން އެ ބޭފުޅުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި އިންޝުއަރެންސް ޕެކޭޖުތައް ތައާރަފްކުރުމަށް ވެސް އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އަދި ޕްރިންސިޕަލުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖައާކޮށް އެކަށީގެންވާ ބަދަލެއް ގެނެސްދޭން އެދިފައިވާ ކަމަށާއި ޕްރިންސިޕަލުން އެދިވަޑައިގެންނެވި ކަންތައްތައް ވަރަށް ގާތުން ބައްލަވާނެ ކަމަށް ނައިބު ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ޕްރިންސިޕަލުންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރެއްވުމަށް އެދިވަޑައިގެން، ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އެމީހުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޕްރިންސިޕަލުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި އެކަމުގައި ސަރުކަރުގެ ފުރިހަމަ އެއްބަރުލުން ދެއްވާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.