twitterviber whatsapp telegramfacebookyoutube instagram
8th May 2024

އަތޮޅުތެރޭގެ ސިއްހީ ނިޒާމު: ޑޮކްޓަރާއެކު ބަލި މީހާވެސް ދާންވީ ޗުއްޓީއަށް!

އަބްދުލް ވާހިދު ޙަސަން
Jul 7, 2019
5

އަތޮޅުތެރޭގެ ސިއްހީ ނިޒާމުގެ ވާހަކައަކީ ދައްކާ ކޮޅުން ލާނެ ވާހަކަތަކެއް ނޫނެވެ. އެހާވެސް ބޮޑަށް ސަރުކާރުތަކުގެ އަޅާލުން ކުޑަ އެވެ. މިނިސްޓްރީގެ ފަރުވާވެސް ކުޑަ ދާއިރާއެކެވެ. އަތޮޅުތެރެ ވީމަ އެވެ. މިދިޔަ ސަރުކާރުތަކުގައި އެންމެ ބޮޑަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވި ދާއިރާއަކީ އަތޮޅުތެރޭގެ ސިއްހީ ދާއިރާއޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ސަބަބުތަކެއްވެސް އެބަހުއްޓެވެ. ވަރަށް އާދައިގެ ކުދި ކުދި ކަންކަންވެސް ނުވަނީ އެވެ.

ހަނދާނަށް އަންނަނީ 2017 ވަނަ އަހަރު ފެބުރުއަރީމަހުގެ ތެރޭގައި ށ ފޭދޫން ހަތަރު އަހަރުގެ ފިރިހެން ކުއްޖެއްގެ ކަރުގައި ރުފިޔާއެއް ތާށިވެ އެ ނުނެގިގެން އެ އާއިލާއިން އުފުލަން ޖެހުނު ތަކުލީފެވެ. ށ އަތޮޅުން ނުވެގެން އުތުރުގެ ސަރަހައްދީ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ހޮސްޕިޓަލުންވެސް އެ ރުފިޔާ ނެނގޭނެ ގޮތެއް ނުވެގެން އެންމެ ފަހުން ރުފިޔާ ނެގުނީ އައިޖީއެމްޗުންނެވެ. އައިޖީއެމްއެޗުން އެ ރުފިޔާ ނަގަން ފަސް މިނެޓްވެސް ނުނެގި އެވެ. މިއީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ކުޑަ މިސާލެކެވެ. މިފަދަ އެތަކެއް ވާހަކައެއް ހިއްސާކުރެވިދާނެ އެވެ.

ފަހަކަށް އައިސް މީޑިއާގެ ސަމާލުކަން ހޯދަމުންދަނީ އަތޮޅުތެރޭގެ ސިއްހީ ނިޒާމުގެ އާ ވާހަކައެއް ނޫނެވެ. އެކަމަކު މިއީ އެ ވާހަކަ ހިއްސާކުރަން ވަރަށް މުނާސަބު ދުވަސްކޮޅެކެވެ. ސަރުކާރުން އަތޮޅުތެރޭގެ ފަސް ހޮސްޕިޓަލެއްގެ ހިދުމަތް މަތީ ފެންވަރަށް ބަދަލުކުރުމަށް އަޑުއަރުވާ ދުވަސްކޮޅަކަށްވާތީ އެވެ. އަތޮޅުތެރޭގެ ސިއްހީ ނިޒާމާ ގުޅޭގޮތުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މީޑިއާގެ ސަމާލުކަން ހޯދީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލޮލުގެ ޑޮކްޓަރާއި ކަށީގެ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން އެ ހިދުމަތް މެދުކެނޑުނު ވާހަކަ އެވެ. އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ޗުއްޓީއަށް ދިޔުމުން ޑޮކްޓަރަށް ދެއްކޭނެ ގޮތް ނުވެ އެތަކެއް ރައްޔިތުންނަށް ބޮޑެތި ތަކުލީފު އުފުލަން ޖެހެ އެވެ.

ޑޮކްޓަރުން ޗުއްޓީއަށްދާކަން ދުރާލައި ހޮސްޕިޓަލުން، ހެލްތް މިނިސްޓްރީއަށް އެންގި ނަމަވެސް އެކަމަށް ހައްލެއް ނުލިބެ އެވެ. ޑޮކްޓަރު ޗުއްޓީ ނިންމާ އެނބުރި އަންނަންދެން ބަލި މީހާވެސް ހުންނަ ޖެހެނީ ޗުއްޓީ ނަގައިގެންނެވެ. އެނޫން ގޮތެއް ނޯވެ އެެވެ. ބަދަލުގައި ޑޮކްޓަރެއް ފޮނުވޭ ވަރަށް ވުރެ މިނިސްޓްރީ ބަލިކައްޓެވެ. ހަރުދަނާކަމެއް ނެތެވެ. އެކަން ޔަގީންވެގެންދިޔައީ ކޭއާރުއެޗުގެ ލޮލުގެ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން ހިދުމަތް މެދުކެނޑުމުންނެވެ. މީޑިއާގައި ރިޕޯޓްކުރި ހިސާބުން، އަނެއް ދުވަހު ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ދެއްކެވި ވާހަކަފުޅުންނެވެ. ވިދާޅުވީ ޑޮކްޓަރުން ޗުއްޓީއަށް ދިޔުމުން ބަދަލުގައި ޑޮކްޓަރުން ފޮނުވޭނެ އުސޫލެއް މިނިސްޓްރީގައި ނެތް ކަމަށާއި އެފަދަ އުސޫލެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ހުރިހާ ދުވަހު މިނިސްޓްރީގައި އެފަދަ އުސޭލެއް ނެތެވެ. ބޮޑެތި މުސާރަ ނަގައިގެން މިނިސްޓްރީގެ އިސް މަގާމުތަކުގައި ބަޔަކު އަބަދުވެސް ތިބެ އެވެ. ވާކަމެއް ހަރާމެވެ.

ޑޮކްޓަރަކު ޗުއްޓީއަށް ދިޔުމުން ބަދަލުގައި ޑޮކްޓަރަކު ފޮނުވޭނެ ގޮތެއްވެސް މި ރާއްޖޭއަކު ނެތެވެ. ދައުލަތުގެ މާލިއްޔާއިން ކޮންމެ އަހަރަކު އެތަކެއް ބަޔަކު ޑޮކްޓަރުކަން ކިޔަވަން ފޮނުވާއިރު އަދި މާލޭގައި ޑޮކްޓަރުން ގިނަވެ "ކުނިވެފައިވާއިރު" އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި މަހެއްހާ ދުވަހު މަސައްކަތް ކޮށްލާނެ ޑޮކްޓަރަކު ނުފޮނުވުމަކީ ހަމަ ހަގީގަތުގައިވެސް މުޅި ދައުލަތް ލަދުގަންނަން ޖެހޭވަރު ކަމެކެވެ. ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ރައްޔިތުން ގެނައީ މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. ރައްޔިތުންގެ މިފަދަ އުންމީދުތަކުގައި ކުލަޖައްސުވަންށެވެ. ނަމަވެސް ވާހަކަމެއް ހަރާމެވެ. އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލަކަށް ރައްޔިތުން މިތިބީ ފެންބޮވައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355