• ޔާސީރު ވިދާޅުވީ މި ސަރުކާރުން ކުޅުދުއްފުށީގައި ގާއިމުކުރާނީ މުޅިން އާ ޓާޝަރީ ހޮސްޕިޓަލެއްކަމަށް
• އެ ބިލްޑިންގ ވެގެންދާނީ އައިކޮނިކް ހެލްތް ކެއަރ ފެސިލިޓީއަކަށް
• ހޮސްޕިޓަލްގައި އިސް މަގާމުތަކެއް އުފެދޭނެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ތަރައްގީގެ ޕްލޭނާ ބެހޭގޮތުން ހެލްތް މިނިސްޓަރު އަބުދުﷲ އަމީންއާ، ކުޅުދުއްފުށީ ދެ ދާއިރާގެ މަޖިލިސް މެމްބަރު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ. މިބައްދަލުކުރެއްވުމުގައި އަލިއަޅުވާލާފައިވަނީ ކޭއާރުއެޗު ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންއާ ބެހޭގޮތުންނެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކާ ބެހޭ ބައެއް ވާހަކަތައް އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްދެއްވާފަ އެވެ.
ޔާސިރު ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށްދެއްވުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެއް ކަމަށެވެ. މިއަދާ ހަމައަށް އައިއިރު ސިއްހީ ނިޒާމު ދިރާސާ ކުރެވި، ކުރިއަށްދާންވީ މަގުޗާޓް ވަނީ ކަނޑައެޅިފަ ކަމަށެވެ. އަދި ކޭއާރުއެޗު ވެގެންދާނީ މިސަރުކާރުން ތަރައްގީކުރާ ފަސް ޓަޝަރީ ހޮސްޕިޓަލުގެ ތެރެއިން މުހިންމު ހޮސްޕިޓަލަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރ އަބްދުﷲ އަމީން، ކުޅުދުއްފުށީ އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޔާސިރު އަބްދުއްލަތީފް އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ޖަމްޝީދު މުޙައްމަދު އާއި ބައްދަލުކުރެއްވުން. @YAbdullatheef @JamsheedMohame6 pic.twitter.com/gncqGg3woY
— Ministry of Health (@MoH_mv) July 9, 2019
ކޭއާރުއެޗުގެ ދިގު މާޒީގައި ޑިޕާޓްމަންޓްތަކުގައި އެންމެ ސްޕެޝަލިސްޓެއް ހުރުމުން އެ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން ދިމާވާ މައްސަލައަށް ހައްލު ހޯދުމަށް މިހާރު ވަނީ ސްޕެޝަލިސްޓުން އިތުރުކޮށްދީފަކަމަށެވެ. ޔާސިރު ވިދާޅުވީ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން މެނޭޖްމަންޓް ރި-ސްޓްރަކްޗަރ ކުރެވި ސީއީއޯ އާއި ނާސިންގ ޑިރެކްޓަރަކާއި މެޑިކަލް ޑިރެކްޓަރެއްގެ އިތުރުން ޑިޕާޓްމަންޓްތަކަށް ޑިރެކްޓަރު ލެވެލްގެ މަގާމުތައް އުފެދޭނެކަމަށެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވަމުން މެމްބަރު ޔާސިރު ވިދާޅުވީގޮތުގައި މި ސަރުކާރުން ކުޅުދުއްފުށީގައި ގާއިމުކުރާނީ މުޅިން އާ ޓާޝަރީ ހޮސްޕިޓަލެއް ކަމަށާއި އެ ބިލްޑިންގ ވެގެންދާނީ އައިކޮނިކް ހެލްތް ކެއަރ ފެސިލިޓީއަކަށްވެސް މިނިސްޓަރ އަމީން ޔަގީންކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެން ދަތިކަމަށް ވަގުތީ ހައްލެއް ގެނެސްދޭނެ ކަމަށާއި އާ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފަހު ކޮޅު ނޫނީ އަންނަ އަހަރު ކުރީކޮޅު ފެށިގެންދާނެ ކަމަށް މިނިސްޓަރާ ހަވާލާދީ ޔާސިރު ވިދާޅުވެފައިވެ އެވެ. ލޮލުގެ ޑޮކްޓަރުންގެ އަދަދު ދެއަކަށް އިތުރުކުރެވިފައިވާއިރު ކަށީގެ ޑޮކްޓަރުންގެ އަދަދުވެސް ދެއަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެގޮތުން އަލަށް ނިކުންނަށް ކަށީގެ ޑޮކްޓަރު މިމަހު 14 ގައި ހިދުމަތަށް ނެރެވޭނެކަމަށް އުންމީދުކުރާކަމަށް މިނިސްޓަރ އަމީން ވިދާޅުވިކަމަށް ޔާސިރު ލިޔުއްވާފައިވެ އެވެ.
ކޭއާރުއެޗަކީ އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންއަންނަ ހޮސްޕިޓަލެވެ.