twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކަށީގެ ޑޮކްޓަރެއް ނެތުމުން އިނގިއްޔެއް ބިނދިގެން ދިޔަ ކުއްޖަކަށް ފަރުވާ ނުދެވި މާލެއަށް!

އަބްދުލް ވާހިދު ޙަސަން
Jul 16, 2019
5

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތުމުން، އިނގިއްޔެއް ބިނދިގެން ދިޔަ މީހަކަށް ފަރުވާނުދެވި މާލެ ފޮނުވާލައިފި އެވެ.

17 އަހަރުގެ އެ ކުއްޖާގެ ކަނާތު ކަށި އިނގިލި ބިނދުނީ ކުޅުދުއްފުށީގައި އިއްޔެ ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އެވެ.

ހޮސްޕިޓަލަށް އެ ކުއްޖާ ދިޔުމުން އެތަނުން ދެވެން އޮތް ފަރުވާއެއް ދިނުމަށްފަހު، ކަށީގެ ޑޮކްޓަރެއް ނެތުމުން އިތުރު ފަރުވާއަށް މާލެ ފޮނުވާލީ މިއަދުގެ ވަގުތެއްގަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ކަށީގެ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން އެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ. އަދި އެފަދަ މައްސަލަތަކުގައި ދާ މީހުން ފަރުވާއަށް މާލެއަށް އަދި ދިއްދޫއަށް ދަނީ ފޮނުވާލަމުންނެވެ.

މިހާރުވެސް ހޮސްޕިޓަލުގައި ބައެއް އެހެން ދާއިރާތަކުގެ ޑޮކްޓަރުންގެ ހިދުމަތްވެސް ވަނީ މެދުކެނޑިފަ އެވެ. އެގޮތުން ލޮލުގެ ޑޮކްޓަރުންގެ ހިދުމަތާއި ހަމުގެ ޑޮކްޓަރުންގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.

މިމައްސަލަތަކާ ގުޅިގެން ކުޅުދުއްފުށީ ދެ ދާއިރާގެ މެމްބަރުން ވަނީ ހެލްތު މިނިސްޓަރާ ބައްދަލުކުރައްވާފަ އެވެ. މިނިސްޓަރު އަމީންއާ ބައްދަލުކުރެއްވުމަށްފަހު، އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެފައިވަނީ ކޭއާރުއެޗުގެ ދިގު މާޒީގައި ޑިޕާޓްމަންޓްތަކުގައި އެންމެ ސްޕެޝަލިސްޓެއް ހުރުމުން އެ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން ދިމާވާ މައްސަލައަށް ހައްލު ހޯދުމަށް މިހާރު ވަނީ ސްޕެޝަލިސްޓުން އިތުރުކޮށްދީފަކަމަށެވެ.

އެގޮތުން ލޮލުގެ ޑޮކްޓަރުންގެ އަދަދު ދެއަކަށް އިތުރުކުރެވިފައިވާއިރު ކަށީގެ ޑޮކްޓަރުންގެ އަދަދުވެސް ދެއަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އަލަށް ނިކުންނަށް ކަށީގެ ޑޮކްޓަރު މިމަހު 14 ގައި ހިދުމަތަށް ނެރެވޭނެކަމަށް އުންމީދުކުރާކަމަށް މިނިސްޓަރ އަމީން ވިދާޅުވިކަމަށް ޔާސިރު ވިދާޅުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355