މި އަަހަރު ރާއްޖޭން ހައްޖަށް ޒައީ ގްރޫޕްގެ 84 މިހުން މިއަދު ފުރައިފި އެވެ.
މި އަަހަރު ހައްޖަށް ދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަންގެ އިތުރުން ދެން ދީފައިވަނީ އަލްހަރަމައިން އާއި ތަޒްކިއާ އާއި މިނާ އާއި އެކްރޯ ޕްރައިވެޓް ލިމިޓެޑަށެވެ.
ޒައީ ގްރޫޕުގެ ހައްޖުވެރިން ފުރާފައިވަނީ މިއަދު ހެނދުނު ސްރީ ލަންކާ އެއާލައިނުންނެވެ. އަދި ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ތަޒްކިއާގެ އެޑްވާންސް ޓީމެއްވެސް މިއަދު ސައުދީއަށް ދިއުމަށް ފުރާނެ އެވެ.
މި އަހަރު ރާއްޖޭން 2،000 މީހުން ހައްޖަށް ދާއިރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ގްރޫޕްތަކުގެ ތެރެއިން 1،000 އަށް ވުރެ ގިނަ ޖާގަ ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. މިއަދުން ފެށިގެން އޮގަސްޓް 5 ހަމައަށް ހައްޖުވެރިން ސައުދީއަށް ފުރާނެއެވެ.
ދެން އެންމެ އަވަހަށް ފުރާނީ ތަޒްކިއާ އާއި އަލްހަރަމައިން ގްރޫޕްގެ ހައްޖުވެރިންނެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހު ތަޒްކިއާގެ 70 މީހުންނާއި އަލްހަރަމައިންގެ 144 މީހަކު ސައުދީ އަށް ދިއުމަށް ފުރާނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ ހައްޖުވެރިން ފުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ހައްޖުވެރިން ދަތުރުކުރާ މަތިންދާބޯޓްތައް ފުރާ ގަޑީގެ ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށްޓަކައި ޓާމިނަލްތަކަށް ދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.