ވިލާ ކޮލެޖުގައި 2019 ވަނަ އަހަރު ސެޕްޓެމްބަރު އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ 80 އަށްވުރެ ގިނަ ކޯހުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު މި ކޯސްތައް މާލޭގެ ވިލާ ކޮލެޖްގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ވިލާ ކޮލެޖްގެ ކެމްޕަހުގައިވެސް ކުރިއަށްދާނެ އެވެ.
މި ކޯސްތަކުގެ ތެރޭގައި ތަފާތު ދާއިރާތަކުގެ ގިނަ ކޯސްތައް ހުރިއިރު ޕޯސްޓްގުރެޖްއޭޓް ޑިޕޮލޮމާ އޮފް ޓީޗިންގ ހެދުމުގެ ފުރުސަތުވެސް އެބައޮތެވެ. މިއީ ހަމަ ޔަގީންވެސް ޓީޗިންގ ހަދަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ އެންމެ ފަހި މިފަދަ ފުރުސަތު ކަން ޔަގީންނެވެ.
މި ކޯހާ ބެހޭ މައުލޫމާތު ދެއްވަމުން ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުން ބުނީ ޕޯސްޓް ގްރެޖުއޭޓް ޑިޕޮލޮމާ އޮފް ޓީޗިންގ އަކީ ކިޔަވައިދިނުމުގެ ދާއިރާއިން ސަނަދެއް ލިބިފައިނުވާ އެކަމަކު އެހެން ރޮނގަކުން ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތްތައް ކިޔަވައިދިނުމަށް ތަމްރީން ކުރުމުގެ ގޮތުން އެއް އަހަރަށް ހިންގޭ ކޯހެއް ކަމަށެވެ.
ދެ ސެމިސްޓަރއަށް ހިންގާ މި ކޯހަކީ ކިޔަވައި ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވުމުގައި ބޭނުންވާނެ ހުނަރު ލިއްބައިދީ، ފަހުގެ ދިރާސާތަކުގެ އަލީގައި ކިޔަވައިދިނުން ބައްޓަންކުރުމަށް ބޭނުންވާ ގާބިލިއްޔަތުކަން މި ކޯހުން ލިބިގެންދާނެ ކަމަށެވެ. މި ކޯސް ހިންގާނީ ދިވެހި ބަހުން ކަމަށްވެސް އެފަރާތުން މައުލޫމާތުދެ އެވެ.
މި ކޯހަށް ވަނުމުގެ ޝަރުތަކީ އެމްކިޔުއޭ ލެވެލް 7 ގެ ބެޗެލާސް ޑިގްރީއެއް ހާސިލުކޮށްފައި އޮތުން ނުވަތަ އެ ފެންވަރުގެ ސަނަދެއް އޮތުމެވެ. އެކަށީގެންވާ ވަރަށް ކުދިން ހަމަވާނަމަ މި ކޯސްވެސް ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ކުރިއަށް ގެންދެވޭނެ އެވެ.
މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ 01 އޮގަސްޓް 2019 އެވެ. ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރމަހުގެ ފުރަތަމަ ދެހަފްތާ ތެރޭގަ އެވެ.
ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ވިލާ ކޮލެޖް ވެބްސައިޓްގެ އިތުރުން ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 ގުޅުއްވާ މައުލޫމާތު ސާފުކުރެވޭނެ އެވެ. އަދި ކޯހަށް އެދޭ ފޯމު އެ ކޮލެޖްގެ ވެބްސައިޓްގެ އިތުރުން ވިލާ ކޮލެޖްގެ ކުޅުދުއްފުށީ ކެމްޕަހުންވެސް ލިބެން ހުންނާނެ އެވެ